ޚަބަރު

ހުޅުމާލެ ރުށްގަނޑު އެކެއް ސަރަހައްދުންވެސް ކޯވިޑަށް ޓެސްޓްކުރެވޭނެ


ހުޅުމާލެ ރުށްގަނޑު އެކެއް ސަރަހައްދުގައި ކޯވިޑްގެ ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެ ސަރަޙައްދުގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ހުޅުމާލެ ހޮސްޕިޓަލާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެންނެވެ.

އެ ސަރަޙައްދުގައި ޓެންޓުތައް ޖަހައިގެން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ފަށާފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ގިނަ މީހުންގެ އެދުމުގެ މަތިންނެވެ.

މާލެ ސަރަޙައްދުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެއާއެކު ސޯޝަލް ސެންޓަރުގައި ޤާއިމުކޮށްފައިވާ ސާމްޕަލް ނަގާ ސެންޓަރު ބަންދުކޮށް ތާޖުއްދީން ސްކޫލުގައި ކޯވިޑަށް ޓެސްޓް ކުރުމަށް ސެންޓަރެއް ވަނީ ޤާއިމްކޮށްފައެވެ. އަދި އެފްއޭއެމްގެ ކުރީގެ ޢިމާރާތުގައި ކޯވިޑް ސާމްޕަލް ނެގުމަށްވެސް ވަނީ ސެންޓަރެއް ގާއިމުކޮށްފައެވެ.

އެގޮތުން ތާޖުއްދީން ސްކޫލުން ކޮންމެ ހޮނިހިރަކުން ފެށިގެން ބުދަ ދުވަހަކާ ހަމައަށް ހެނދުނު 9:00 އިން މެންދުރު 12:00އަށް، އަދި މެންދުރުފަހު 3:00އިން އިރުއޮއްސި 6:00އަކަށް ސާމްޕަލް ނެގޭނެއެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގައި ތާޖުއްދީން ސްކޫލުގައި ސާމްޕަލް ނެގުން ކުރިއަށްދާނީ ހެނދުނު 9:00އިން މެންދުރު 12:00އާ ހަމައަށެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 3:00އިން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ތާޖުއްދީނުން ސާމްޕަލް ނެގޭނެއެވެ.

އެފް.އޭ.އެމް ބިލްޑިންގގައި ހަދާފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުން ހަފްތާގެ ކޮންމެ ދުވަހަކުވެސް މެންދުރު 2:00އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ސާމްޕަލް ނެގޭނެއެވެ. މީގެއިތުރުން ވިލިމާލޭގައި ސާމްޕަލް ނެގުން ކޮންމެ ދުވަހަކުވެސް ހަވީރު 4:00އިން ފެށިގެން އިރުއޮއްސި 6:30އާ ހަމައަށް ކުރިއަށްދާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މީގެ އިތުރަށް މިހާރު ސެނަހިޔާ ފްލޫ ކްލިނިކަށް ކޮންމެ ހޮނިހިރަކުން ފެށިގެން ބުރާސްފަތި ދުވަހަކަށް ހެނދުނު 10އިން ރޭގަނޑު 10އަކަށް ޚިދުމަތް ލިބޭނެކަމަށާ، ހުކުރު ދުވަސްތަކުގައި މެންދުރު 2އިން ރޭގަނޑު 10އަކަށް ޚިދުމަތް ލިބޭނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ވިލިމާލޭ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 9އިން މެންދުރުފަހު 3:30އަށް ޚިދުމަތް ލިބޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު 500އިން މައްޗަށް ވަނީ އަރާފައެވެ. އެއާއެކު ބައެއް ފިޔަވަޅުތައްވަނީ ވަރުގަދަވެސް ކޮށްފައެވެ. މިގޮތުން މާލެއިން ބޭރަށް ފުރާ ކޮންމެ މީހަކުވެސް ޕީސީއާރު ޓެސްޓު ހެދުންވަނީ މަޖުބޫރުކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި އިވެންޓްތަކާއި ހަފްލާފަދަ ކަންކަން 50 މީހުންނަށްވުރެ މީހުން ހިމަނައިގެން ކުރިއަށް ނުގެންދިއުމަށާއި ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަންޖެހެއެވެ. މީގެ އިތުރަށް ކަރަންޓީނުވުމަށް އެހެން ރަށަކަށް ދަތުރު ކުރާނަމަ "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދަންވެސް ޖެހެއެވެ.