ޚަބަރު

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30،000 މީހުން އެބަތިބި: ސަރުކާރު


ރާއްޖޭގައި ވެކްސިން ދޭންޖެހޭ އާބާދީގެ ތެރެއިން މިވަގުތު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30 ހާސް މީހުން އެބަތިބި ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ %85 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. އަދި 12 އަހަރާއި 17 އަހަރާއި ދެމެދުގެ %84 ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިހާރު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންކަމަށެވެ. އެގޮތުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30 ހާސް މީހުން އެބަތިބިކަމަށާއި، އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި، ދާންމަތިވެފައިތިބޭ މީހުން ކަމަށްވެސް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި އެމީހުން ހޯދައިގެން ވެކްސިން ޖެހުމަށް މަސައްކަތްކުރެވެމުން އަންނަކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ބޮޑު ނަންބަރެއް ވެކްސިން ނުޖަހާ މިތިބީ މިދިޔަ ދުވަސްތަކުގައި ރާއްޖެ ނާދެވި ވެކްސިން ނުޖަހާ އެބަތިބި މީހުން" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައިވާ ގޮތަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %90 މީހުން ވެކްސިން ޖެހުން ހާސިލްކުރެވޭނެކަމަށެވެ. ރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކަށް ބަލާއިރުވެސް އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ ކަންކަން ފެށި އެއް ޤައުމެވެ. މިހާތަނަށް ރާއްޖޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 300،000 އިން މައްޗަށް އަރާފައެވެ.

ރާއްޖޭގައި އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަމުންނެވެ. އެގޮތުން 12 އަހަރާއި 17އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ޖަހަމުންދަނީ ފައިޒާ ވެކްސިންއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާމީހުންނާއި މާބަނޑު މީހުންނަށްވެސް ފައިޒާ ވެކްސިން ޖަހައިދެއެވެ.

އެހެނިހެން މީހުންނަށް މިވަގުތު ޖަހަނީ އެސްޓްރަޒެނެކާ ވެކްސިނެވެ.