އޭޝިއަން ގޭމްސްގެ އަންހެނުންގެ ކްރިކެޓް މުބާރާތުގެ ފައިނަލުން އިންޑިޔާ އާއި ލަންކާ ޖާގަ ހޯދައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ބަނގްލަދޭޝް ބަލިކޮށްފައެވެ. ލަންކާ އާއި އިންޑިޔާ އަކީ 2023ގައި އަންހެނުންގެ ފައިނަލުގައި ވެސް ކުޅުނު ދެ ޓީމެވެ. އެ ފަހަރު 19 ލަނޑުން މޮޅުވެ ރަންމެޑަލް ހާސިލްކުރީ ލަންކާއެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލުން ލަންކާ ޖާގަ ހޯދީ ސެމ ފައިނަލުގައި ޕާކިސްތާން ބަލިކޮށްފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އިންޑިޔާގެ ޝަފާލީ ވާމާ ބުނީ 114 ލަނޑުން މޮޅުވެ ފައިނަލަށް ދެވުނު ނަމަވެސް ލަންކާ ބަލިކުރުމަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމަށެވެ.
"ލަންކާ އަކީ ޓީމެއްގެ ގޮތުގައި ވަރަށް ވަރުގަދަ ޓީމެއް. އަދި އެ މީހުން މިހާރު އެ ތިބީ ވެސް ވަރަށް ރަނގަޅު ފޯމެއްގައި. އެހެން ނަމަވެސް އެއީ އަހަރުމެން ޖެހިލުންވާނެ ކަމެއް ނޫން. އަހަރުމެން ތައްޔާރުވާނީ ވަރަށް ވަރުގަދަ އަށް. އަހަރުމެންގެ އަމާޒަކީ ރަންމެޑަލް. މިކަމަށް ތައްޔާރުވަމުންދާތާ ވަރަށް ދުވަސް ވެއްޖެ،" ވާމާ ބުންޏެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ބައްދަލު ކުރާނީ ސެމީ ފައިނަލުން ބަލިވި ދެ ޓީމު ކަމަށްވާ ޕާކިސްތާނާއި ބަނގްލަދޭޝްއެވެ.