ޚަބަރު

ސުޒެއިރު މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގުކުރަނީ


  • މައްސަލަ ފުލުހަށް ހުށަހެޅީ ނިއުރޭޑިއަންޓުން

  • އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށްވެސް މި މައްސަލަ ވަނީ ހުށަހަޅާފައި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް ޚާއްސަ މޮޅެއް ހޯދި މެޗުގައި ހިނގައިދިޔަ މާރާމާރީގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

މިމަހުގެ 17ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، މެޗުގެ 68ވަނަ މިނެޓުގައި މާޒިޔާގެ ޢަބްދުﷲ ލޫތަށް، ނިއުގެ އިބްރާޙީމް މައިސާން ކުރި ފައުލަކާ ގުޅިގެން ރެފްރީ ކުޅުން މެދުކަނޑާލަން ކަށިގަނޑު ފުމުނު ފަހުން، ނިއުގެ ޢަބްދުﷲ ބިލިޓީ ފޮނުވާލި ބޯޅައެއް ލޫތުގެ ގައިގައި ޖެހުނު ހިސާބުންނެވެ.

މިއާއިއެކު ބިލިޓީއާއި ލޫތު ކުރިމަތިލާން ދިޔަވަގުތު ނިއުގެ އީތަން އިބްރާޙީމް ޒަކީ، ލޫތުގެ ގައިގައި އަތްއަޅައި ކޮށްޕާލުމުން، މާޒިޔާގެ ޙަސަން ޝިފާޒް ވެސް އެ ހަމަނުޖެހުމުގައި ބައިވެރިވިއެވެ. އަދި ފަހުން އެހެން ކުޅުންތެރިންނާއި ދެ ޓީމުގެ އޮފިޝަލުންވެސް، ހަމަނުޖެހުން ހިންގުމުގައި އަދި ހުއްޓުވުމުގައިވެސް ބައިވެރިވެފައިވެއެވެ.

މި ހަމަނުޖެހުންތަކުގެ ތެރެއިން މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު، ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯގެ މޫނު މަތީގައި ޖަހާ މަންޒަރު ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެނެއެވެ.

ސުޒެއިރުގެ މި އަމަލު ކުށްވެރިކޮށް ނިއުރޭޑިއަންޓުން ބަޔާނެއް ނެރެފައިވާއިރު އެ ބަޔާނުގައި ބުނެފައި ވަނީ، މި ހަމަނުޖެހުންތަކުގެ ތެރެއިން ލޫސިއާނޯއަށް ސުޒެއިރު ދިން ހަމަލާއާ ގުޅިގެން އޭނާއަށް އަނިޔާވެފައިވާކަމަށެވެ.

މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޕީއެސްއެމް ނިއުސް އާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ، މިމަހުގެ 17 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ފުޓުބޯޅަ މެޗެއްގެ ތެރެއިން މާރާމާރީ ހިންގި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސް އާ ވާހަކަދައްކަވަމުން ނިއުރޭޑިއަންޓުގެ ސީނިއަރ ވައިސް ޗެއާ ޢަލީ އިބްރާހީމް (ކައްޕި) ވިދާޅުވީ، ފުލުހުންނަށް މި މައްސަލަ ހުށަހެޅީ ނިއުރޭޑިއަންޓުގެ ފަރާތުން ކަމަށާއި މިކަން ބަލައި ފިޔަވަޅުއަޅައިދިނުމަށް އެދި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށްވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.