ނިއޯކެއަރ ނުވަތަ އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާއާ ގުޅޭ ނިއޯނޭޓަލް ކޮންފަރެންސް ފަށައިފިއެވެ. މިއީ މިކޮންފަރެންސް ބާއްވާ 2 ވަނަ އަހަރެވެ. ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ އަހަރުގައެވެ.
ނިއޯކެއަރ ކޮންފަރެންސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. އެކަމަނާވަނީ މިރަސްމިއްޔާތުގެ ތެރޭގައި ފުރަތަމަ ނިއޯކެއަރ އަދި އެންއައިސީޔޫ ނިއުސް ބުލެޓިން ނެރެދެއްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ އުފަންވާއިރު ނާޒުކު ހަލަތުގައި ތިބޭ ކުދިންގެ ފަރުވާ ބިނާވަނީ ހަމައެކަނި އެންއައިސީޔޫގައި ދެވޭ ފަރުވާއަށް ނޫންކަމަށެވެ. އެއަށްވުރެ ދުރަށް މުޅި ހޮސްޕިޓަލުގެ ސިއްޙި ފަރުވާވަނީ އެކުދިންގެ ރައްކާތެރިކަމާ ގުޅިފައިކަމަށް ސީއީއޯ ވިދާޅުވިއެވެ.
"މިދިޔަ އަހަރު ނިއޯނޭޓަރ ނަރުހުންގެ ކޮންފަރެންސުން ފެށި މިމަސައްކަތުން ތަޖުރިބާ ހިއްސާކޮށް، ޕްރޮފެޝަނަލްކޮށް ކަންކަންކުރުމަށް ބާރުއަޅާ، ވަރަށް ނާޒުކު އަދި އެހާމެ މުހިއްމު މިދާއިރާއަށް ބޭނުންވާ ސަމާލުކަން ލިބިގެން މިދިޔައީ. މިއަހަރު ނިއޯކެއާގެ ގޮތުގައި ފެށިގެން މިދިޔަ އީ މަލްޓިޑިސިޕްލިނަރީ ޕްލެޓްފޯމެއްގައި މިކަމާގުޅެ މަޝްވަރާތައްކުރެވޭނެހެން." ސީއީއޯ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕޭއިޑެން ވިދާޅުވީ ސިއްޙީ ދައިރާއިން ރާއްޖެއިން ކުރިއެރުން ހޯދަމުންދާކަމަށާއި ވަކިން ޚާއްސަކޮށް ދަރިމައިވުމުގެ ދާއިރާއިން މުހިއްމު ކުރިއެރުންތަކެއް ބައިނަލްއަޤުވާމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ރާއްޖެއިން ޙާސިލުކޮށްފައިވާކަމަށެވެ.
ނިއޯނޭޓަލް ކެއަރ ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގައެވެ. މިއަހަރު ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން މި ކޮންފަރެންސް ބާއްވާއިރު 19 ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން މި ކޮންފަރެންސްގައި ބައިވެރިވާނެކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. މިކޮންފަރެންސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ދުވަހުގެ މުއްދަތަކަށެވެ.