ރާއްޖެއިން އިތުރު 152 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، 131 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
ރާއްޖެއިން އަލަށް ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ޢަދަދު ވަނީ 81000އިން މައްޗަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝް އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޯމް ދުވަހުގެ އިރުއޮއްސި 6:00އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 152 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 26 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 74 މީހުންނާއި ރިސޯޓްތަކުން 48 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 4 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 81،112 އަށް އަރާފައެވެ.
ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1،730 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 131 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 79،143 އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 4،124 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 207 ދިވެހިންނާއި 19 ބިދޭސީންނެވެ.