ތަޢުލީމު

ބިދޭސީ ޓީޗަރުން ސްކޫލަށް ނިކުމެވޭނީ 5 ދުވަހު ކަރަންޓީންވުމަށްފަހު: އެޑިއުކޭޝަން


ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން، ސްކޫލްތަކަށް ނުކުތުމުގެ ކުރިން ރާއްޖެ އަންނަ ތާރީޚުން ފެށިގެން 5 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

މިނިސްޓްރީން މިގޮތަށް ނިންމާފައިވާކަން ހާމަކުރައްވާފައި ވަނީ ރާއްޖޭގެ ސްކޫލްތަކުގެ ވެރިންނަށް ފޮނުއްވި ސިޓީއެއްގައެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުން ވަރކް ޕާރމިޓްގައި ރާއްޖެއަށް ދަތުރުކުރާ މީހުން ކަރަންޓީންވުމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އިޢުލާނުގައިވާގޮތުން، ޑަބްލިއު.އެޗް.އޯ އިން އެމަޖެންސީ ބޭނުމަށް ލިސްޓްކޮށްފައިވާ ކޯވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތައް، ނުވަތަ ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވް ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ދުވަސް ރާއްޖެ އަންނަ ދުވަހާ ހަމައަށް ހަމަނުވާ ފަރާތްތައް ކަރަންޓީންވާކަށް ނުޖެހެއެވެ. ނަމަވެސް، ކޯވިޑް-19 ގެ ޙާލަތު އޮތް ގޮތުން، މިގޮތަށް އަންނަ ފަރާތްތައް ރާއްޖެ އަންނަގޮތަށް އައިސް ކަރަންޓީންނުވެ ސްކޫލްތަކަށް ދިއުމުގައި ހުރިކަންބޮޑުވުންތައް ކައުންސިލް އިދާރާތަކުން ގުޅުން ހުރި އިދާރާތަކުގައި ހިއްސާ ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން، މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި އެޗް.ޕީ.އޭއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެޗް.ޕީ.އޭގެ މިންގަނޑަށް ފެތިގެން ރާއްޖެ އަންނަ ބިދޭސީ ޓީޗަރުންވެސް، ރާއްޖެ އަންނަ ތާރީޚުން ފެށިގެން 5 ދުވަހުގެ މުއްދަތަށް، އެއް ރަށުގެ ދިރިއުޅޭ ތަނުގައި ކަރަންޓީނުވުމާއި، 5 ދުވަސް ހަމަކޮށް ސާމްޕަލް ނެގުމަށްފަހު، ނަތީޖާ ނެގެޓިވްވުމުން ނޫނީ ސްކޫލަށް ނުނެރުމަށް މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ.

2022-2021 ގެ ދިރާސީ ކަލަންޑަރުގައި ކިޔަވާދިނުމާ ސީދާ ގުޅުންހުރި މުވައްޒަފުން ނުވަތަ އެކަޑަމިކް ސްޓާފުން ސްކޫލަށް ނުކުންނަންޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3 އޯގަސްޓް 2021 އެވެ. ނަމަވެސް، މިނިވަންދުވަހުގެ ބަންދާ ގުޅުވައިގެން ޖުލައި މަހުގެ 28 އަދި 29 ބަންދުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަޑަމިކް ސްޓަފުންގެ އަހަރީ ޗުއްޓީއަށް 2 ދުވަސް އިތުރުކޮށް، ރަސްމީކޮށް އެ މުވައްޒަފުން ސްކޫލަށް ނިކުންނަންޖެހޭ ދުވަހަކީ 5 އޯގަސްޓް 2021 ކަމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިވެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ކޯވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރެއްވުމަށް އެ މިނިސްޓްރީން މީގެ ކުރިން ވަނީ ސްކޫލްތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައެވެ.