ހުރްމުޒް ކަނޑުއޮޅިއަކީ ސަރަޙައްދީ ޤައުމުތަކުގެ ތެރޭގައި ނުހިމެނޭ ޤައުމުތަކުން އެ ޤައުމުތަކުގެ އަސްކަރީ ބާރު ދައްކަން އޮތް މައިދާނެއް ނޫން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރިބަބާދީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ހުރްމުޒް ކަނޑުއޮޅިއަށް އެކި ޤައުމުން ގުޅިގެން އަސްކަރީ ފައުޖެއް ފޮނުވުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ދެ ޤައުމުން އެކުގައި ބަޔާނެއް ނެރުމާ ގުޅިގެންނެވެ.
ޣަރިބަބާދީ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅީގައި ޙަރަކާތްތެރިވާ ބާރެއްގެ ޙައިޞިއްޔަތުން އަދި އެ މަގުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށްދޭ ފަރާތުގެ ޙައިޞިއްޔަތުން، އެ ކަނޑުއޮޅީގައި އެއްވެސް އަސްކަރީ ޙަރަކާތެއް ނުހިންގުމަށް އިންޒާރު ދެއްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ އެ ސަރަޙައްދުގައި އޮންނަ ޤައުމުތަކުން ކަމަށެވެ. ހުރްމުޒް ކަނޑުއޮޅީގައި ހަމަނުޖެހުންތައް އުފައްދާ ފަރާތްތަކުން، އެ ބައެއްގެ ޢަމަލުތަކާ ގުޅިގެން ހިނގާ ކޮންމެ ކަމައްގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.
މިދިޔަ ޖޫން މަހުގެ 18ވަނަ ދުވަހު އެމެރިކާއާއި އީރާނުން ވަނީ ޕާކިސްތާން މެދުވެރިވެ، މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް މަގުފަހިކުރުމަށް އިބްތިދާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އީރާންގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއެވެ. އެ އެއްބަސްވުމުގެ ދަށުން ޞުލްޙަ ޤާއިމްކުރުމަށް އިތުރު މަޝްވަރާތައް ކުރުމަށް ފުރުޞަތު ދެއެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާއި، އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ގޮތުން ގޮތެއް ނިންމުމާއި ހަނގުރާމައިގެ ޙާލަތުގައި ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއި، ސަރަޙައްދީ ސަލާމަތާ ގުޅޭ ނުކުތާތައް އެ އެއްބަސްވުމުގައި ހިމެނެއެވެ.