ޚަބަރު

ޢަރަބި ބަހުގެ ޢިލްމު ކުރިއެރުވުމަށް އައީޔޫއެމްއިން ގިނަ މަސައްކަތްތަކެއް!


  • ވޭތުވެދިޔަ ދެ ސެމިސްޓަރގައި އެކަނިވެސް 600 އަށްވުރެ ގިނަ ދަރިވަރުން

  • އަތޮޅުތަކަށް ކޯސްތައް ފުޅާކުރުމަކީ އެމްއެންޔޫގެ އަމާޒެއް

ރާއްޖޭގައި ޢަރަބި ބަހުގެ ޢިލްމު ކުރިއެރުވުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

އައިޔޫއެމްގެ ކުއްލިއްޔާ އޮފް ޢަރަބިކް ލެންގުއޭޖްއިން އަންނަނީ ޢަރަބި ބަހުގެ ޢިލްމާ ގުޅުންހުރި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓަރސްއާ ހަމައަށް ތަފާތު ކޯސްތައް ހިންގަމުންނެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ކުއްލިއްޔާ އޮފް ޢަރަބިކް ލެންގުއޭޖްގެ ޑީން އަލްއުސްތާޛް ފައްޔާޟް ޢަލީ މަނިކު ވިދާޅުވީ، އެންމެ ދަށު ލެވެލްތަކުން ފެށިގެން ޢަރަބި ބަހަށް މީހުން އުފެއްދުމަކީ އެ ޔުނިވަރސިޓީގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.

ޑީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ސެޓްފިކެޓް ލެވެލް 1، 2، 3 އަދި އެޑްވާންސް ލެވެލްއާ ހަމައަށް ޢަރަބި ބަހުގެ ކޯސްތައް ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މި ކޯސްތަކަށް އޮތް ޑިމާންޑް ބޮޑުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ވޭތުވެދިޔަ ދެ ސެމިސްޓަރގައި އެކަނިވެސް 600 އަށްވުރެ ގިނަ ދަރިވަރުން މި ކޯސްތަކުގައި ކިޔަވާފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެންވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވަމުން ޑީން ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ޢަރަބި ބަހުން މުއާމަލާތް ކުރުމަށް ބޭނުންވާ ޚާއްސަ ކޯހެއް މިހާރު ފަރުމާކުރެވިފައިވާ ކަމަށެވެ.

މި ކޯހުގައި ކިޔަވައިދިނުމަށް ބޭނުންކުރަނީ ދުނިޔޭގެ ފާހަގަކޮށްލެވޭ ގިނަ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައިވެސް ބޭނުންކުރާ މުގައްރަރުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި މުގައްރަރު ބޭނުންކުރުމަށް ރާއްޖޭގެ އެމްކިޔުއޭ މިންގަނޑަށް ފެތޭނެ ގޮތް މިހާރު ވަނީ ރާވާލެވިފައިކަމަށް ޑީން ވިދާޅުވިއެވެ.

"މިހާރު މި ޕްރޮގްރާމް ރާވާލާފައިވަނީ ކޮމަން ޔޫރަޕިއަން ފްރޭމް ފޯރ ރެފަރރެންސް ސީއެފްއާރްގެ މިންގަނޑުތަކަށް އެބޭފުޅުން ބަސްކިޔަވާދިނުމަށް ގެންގުޅޭ ސްކޭލްތަކަށް، އަޅުގަނޑުމެން މި އަމާޒްކުރަނީ އެ މިންގަނޑުތަކަށް" ޑީން އަލްއުސްތާޛް ފައްޔާޟް ވިދާޅުވިއެވެ.

ކޯސްތައް ތަރުތީބުކުރެވިފައިވާ ގޮތާ ގުޅޭގޮތުން ވިދާޅުވީ، ބޭސިކް އެރަބިކް ސެޓްފިކެޓް 2 ނިމޭއިރު ދަރިވަރުންނަށް ބަހުގެ އަސާސްތައް އެނގިގެންދާނެ ކަމަށާއި، އިމިޑިއޭޓް އެރަބިކް ބައި ނިމޭނީ ސެޓްފިކެޓް 3 އަކުން ކަމަށެވެ. އަދި އެޑްވާންސްކޮށް އަރަބި ބަސް ކިޔަވާނީ އެޑްވާންސް ލެވެލްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައިޔޫއެމް ގެ އުންމީދަކީ ކުރިޔަށް އޮތްތަނުގައި ބޭރުގެ އަރަބި އުުގަންނައިދޭ ފަރާތްތަކުން ތަޢާރަފުކޮށްފައިވާ ބައިނައްލަޤުވާމީ ޓެސްޓުތަކުގައި ބައިވެރިވެ އައިޔޫއެމްގެ މަސައްކަތް މިންކުރެވިގެންދިޔުންކަމަށް ޑީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.