ކޯވިޑް-19

މިރެއިން ފެށިގެން 8ގެ ފަހުން ކެެފޭތައް ބަންދު


ކޯވިޑުން ރައްކާތެރިވުމަށް އަޅާދައިވާ ފިޔަވަޅުތަކުގެ ދަށުން މިރެއިން ފެށިގެން 08:00 ގެ ފަހުން ކެފޭ ރެސްޓޯރަންޓަތް އާއްމުކޮށް ހުޅުވާފައި ބެހެއްޓުން މަނާވާނެއެވެ. އެޗްޕީއޭއިން ވިދާޅުވީ މިރެއިން ފެށިގެން މި ނިންމުމަށް 7 ދުވަހުގެ މުއްދަތަށް އަމަލުކުރަމުން ގެންދާނެކަމަށެވެ.

މާލެ ސަރަޙައްދުގައި ކޯވިޑްގެ ޙާލަތު ވަރަށްބޮޑަށް ގޯސްވެފައިވާތީ އެޗްޕީއޭއިން ވަނީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. މިގޮތުން މިމަހުގެ 27 ވަނަދުވަހުގެ ރެއިން ފެށިގެން ރޭގަނޑު 08:00 ގެ ފަހުން މާލެ ސަރަހައްދުގައި ހިމެނޭ މާލެއާއި، ހުޅުމާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ ހުރިހާ ތަންތަން ބަންދުކުރަންޖެހޭނެއެވެ. އަދި މަފަދަ ތަންތަނުން ދޭ ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލަން ޖެހޭނެއެވެ.

މާލެ ސަރަޙައްދުތަކުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު އިރުއޮއްސި 06:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00ގެ ފަހުން ފަތިހު 04:30 އާއްމުކޮށް ނުކުމެ އުޅުމަކީވެސް މަނާކަމެކެވެ.

ކޯވިޑްގެ ކޭސްތައް ފެންނަވަރު މިދިޔަ އަހަރުގެ ފަހުކޮޅު 50 ހުން ދަށުގައި ހުރުމަށްފަހު މި އަދަދު 100 މތީގައި ހުންނަތާ މިވަނީ ދެމަސްވާން ގާތްވެފައެވެ. އަދި މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 61 އަރާފައިވާއިރުމި މިމަހު މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 9 އަރާފައެވެ. އެއްމަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު މި ބަލީގައި ނިޔާވެފައި ނުވާއިރު މީ މި ބަލިމަޑުކަމުގައި ނިޔާވި މީހުންގެ 14 އިންސައްތައެވެ.

މި ބަލީގެ ނުރައްކާ މާލެ ސަރަހައްދުގައި ބޮޑެވެ. އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 133 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 117 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. މި އަދަދުތަކާއި އެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 20 ހާހާއި ގާތްވެފައެވެ.