ދިވެހިރާއްޖެއާއި ތުރުކީވިލާތުން އަމަލުކުރަން ފެށި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް، ޕީޓީއޭގެ ސަބަބުން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނޭކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް އަމަލުކުރަން ފެށުމާ ގުޅިގެން، ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި، ބީސީސީގެ މެނޭޖިން ޑިރެކްޓަރ ޒިޔާޔު ވިދާޅުވީ، މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިޤްތިޞާދީ ތަސައްވުރާއި، ބައިނަލްއަގުވާމީ ވިޔަފާރި ފުޅާކޮށް އިޤްތިޞާދީ ކުރިއެރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން ވަރުގަދަވެ، ދިވެހި ވިޔަފާރިވެރިންނަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒިޔާއު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި އުފެއްދުންތަކާއި ޚިދުމަތްތަކަށް ބޭރުގެ ބާޒާރުތަކުން ފުރުޞަތުތައް ލިބުން ފަސޭހަވެ، ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަމަށެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކޮށް، އައު އީޖާދުތަކާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ވާދަކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަން ޒިޔާއު ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް، އެކްސްޕޯޓަށް ބަރޯސާވާ އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަ ކުރައްވަމުން ޒިޔާއު ވިދާޅުވީ މި އެއްބަސްވުމާއެކު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ، ދިވެހި ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފު ކުރުމަށް ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމު ޢަމަލުކުރަން ފެށީ މިއަދުއެވެ. މި އެއްބަސްވުމަކީ 2023 ވަނަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރިކީވީލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ކުރެވުނު މަޝްވަރާތަކަށް ފަހު ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ސަރުކާރުން ވިދާޅުވީ، މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަކައި ދިވެހިރާއްޖެ އަދި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، ފައިނަލް ނޯޓިފިކޭޝަން ލިޔުމުން ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ރަސްމީ ތާރީޚަކީ 01 އޮގަސްޓު 2026 ކަމުގައި ދެފަރާތުން އެއްބަސްވެފައިވާތީ، އެ ތާރީޚުން ފެށިގެން މި އެއްބަސްވުމަށް މިވަނީ ޢަމަލުކުރަން ފަށާފަައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތުގެ ޕީޓީއޭއަށް އަމަލުކުރަން ފެށުމުން، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށާއި، ދުނިޔޭގެ ވިޔަފާރީގެ ބާޒާރާއި ރާއްޖޭގެ ވިޔަފާރިތައް ގުޅުވައިލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެއެވެ.