ޚަބަރު

ނޭޕާލްގެ ހަމަނުޖެހުންތަކަށްފަހު ބައެއް ރަށްތަކުގައި ކާފިއު ހިންގަނީ


ނޭޕާލްގެ އިރުދެކުނު ސަރަޙައްދުގައި ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ބައެއް ރަށްތަކުގައި ކާފިއު ހިންގަން ފަށައިފިއެވެ. އެ ޤައުމުގެ ސުންސަރީ ޑިސްޓްރިކްޓްގައި، ދެ ދީނަކަށް ނިސްބަތްވާ މީހުންގެ މެދުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ ޖުލައި 26 ވަނަ ދުވަހުއެވެ. ހަމަނުޖެހުންގަނޑާ ގުޅިގެން އެ ސަރަޙައްދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، މި ކުރިމަތިލުންތަކުގައި ތިން މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވިއެވެ.

އިންޑިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ސުންސަރީ ޑިސްޓްރިކްޓްގެ ދިވާންގަންގގައި ހިނގި ހަމަނުޖެހުންތަކުގައި 25 މީހަކަށް އެކިވަރުގެ އަނިިޔާތައް ލިބިފައިވާ ކަމުގައި ކަމާގުޅޭ އިދާރާތަކުން ބުނެއެވެ. މި ހަމަނުޖެހުންތައް ފެށުނީ، ހަފުލާއެއްގެ ތެރޭގައި މިޔުޒިކު ޖަހައި އަޑުގަދަކުރުން ހުއްޓައިލުމަށް، އެ ކަން އިންތިޒާމުކުރި ފަރާތުން އިންކާރުކުރުމާ ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމުގައި، ނޭޕާލްގެ ފުލުހުން ބުނެއެވެ. މި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވީ ސުންސަރީންނެވެ. އަދި، ތިންވަނަ މީހާ މަރުވެފައި ވަނީ، އެ ޑިސްޓްރިކްޓާ އިންވެގެން އޮތް ސިރާހާއިންނެވެ. ފުލުހުންގެ ތަރުޖަމާނު އަބީ ނާރަޔަން ކާފްލީ ވިދާޅުވީ، މި ހަމަނުޖެހުންގަނޑުގެ މައްސަލަ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި މިހާރު ތަޙުޤީޤު ކުރެވެމުންދާ ކަމުުގައެވެ.

ސުންސަރީގައި ހިނގި ހަމަނުޖެހުންތައް މިހާރު ވަނީ މައިތިރިވެފައެވެ. ނަމަވެސް، އިތުރު ހަމަނުޖެހުންތަކަށް ފުރުޞަތު ނުދިނުމުގެ ގޮތުން ބައެއް ރަށްތަކުގައި ވަކި މުއްދަތެއް ނެތް ގޮތުގައި ކާފިއު ހިންގަމުންދާނެ ކަމުގައި ފުލުހުން ބުނެއެވެ. ޓީވީ މެދުވެރިކޮށް ކުރެއްވި ތަޤުރީރެއްގައި މި ކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ބަލެންދްރަ ޝާހް ވަނީ، ޞުލްޙަވެރިކަން އިސްކޮށް، ހަަމަނުޖެހުންތަކަށް ފުރުޞަތު ނުދިނުމަށް އެ ސަރަޙައްދުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި، މި ހާދިސާތަކުގެ ފުރިހަމަ އަދި އިންސާފުވެރި ތަޙުޤީޤެއް ސަރުކާރުން ހިންގާނެ ކަމުގެ ޔަގީން ކަން ވެސް އޭނާ ދެއްވިއެވެ.

ނޭޕާލްގެ ދާޚިލީ ވަޒީރު ސުދާން ގުރުންގ ވަނީ ސުންސަރީގައި ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޢާއިލާތަކާ ބައްދަލުކުރައްވައި، ބަދަލެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ޢާއިލާއަކަށް 6,660 އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަން ޢިޢުލާނު ކުރައްވާފައެވެ. ތިންވަނަ މީހާ މަރުވި ސިރާހާއަށް ގުރުންގ ވަޑައިގަންނަވައި، އެ ރަށުން މަރުވި މީހާގެ ޢާއިލާއާ ބައްދަލުކުރައްވާނެ ކަމުގައި ވެސް ނޭޕާލް ސަރުކާރުން ބުނެއެވެ.