މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 16,991 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖެއިން އެންމެ ގިނައިން ބޭރު ކޮށްފައިވަނީ، ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 16,991 މެޓްރިކް ޓަނުގެ މަސް ބޭރު ކޮށްފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތުގައި ބޭރުކުރި 44,791 މެޓްރިކް ޓަނުގެ މަހާއި އަޅާބަލާއިރު، 62 އިންސައްތަ ދަށް އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިމުއްދަތުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ބޭރު ކޮށްފައިވަނީ، ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ. އެގޮތުން ފުރަތަމަ 6 މަހު 13,083 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރު ކޮށްފައެެވެ. މިދިޔަ އަަހަރުގެ މިމުއްދަތުގެ ތެރޭގައި ބޭރުކުރީ، 40,659 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ 67 އިންސައްތައިގެ ދަށްވުމެކެވެ.
މިމުއްދަތުގެ ތެރޭގައި އެންމެ ގިނައިން ބޭރު ކޮށްފައިވަނީ، ފިނިކުރި އަދި ތާޒާ ކަޅުބިލަ މަހެވެ. އެގޮތުން ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 10,603 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ވަނީ ބޭރު ކޮށްފައެވެ. މިއީ، 2025ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ބޭރު ކުރި 36,112 މެޓްރިކް ޓަނުގެ ކަޅުބިލަ މަހާއި އަޅާބަލާއިރު 70 އިންސައްތަ ދަށް އަދަދެކެވެ.
އެމްއެމްއޭއިން ކޮންމެ މަހަކު ނެރޭ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަހު ދަޅުގައި ބަންދުކޮށްގެން ބޭރުކުރި މަހުގެ އަދަދުވެސް ވަނީ 11 އިންސައްތަ ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ 6 މަހު ދަޅުގައި ބަންދު ކޮށްގެން ބޭރު ކޮށްފައިވަނީ، 2,702 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު އުޅުނީ، 3,056 މެޓްރިކް ޓަނުގައި ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
ފުރަތަމަ 6 މަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު ދަށްވެފައިވަނީ، މިމުއްދަތުގެ ތެރޭގައި މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ. އެެހެންނަމަވެސް މިމުއްދަތުގެ ތެރޭގައި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގު މަތިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަހަރުގެ ކުރީކޮޅު ކަޅުބިލަމަހުގެ ކިލޯއެއް 16 ރުފިޔާއަށް ގަތް ނަމަވެސް މިހާރު މަސް ގަންނަމުންދަނީ 20 ރުފިޔާއަށެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަކަށް މަސްވެރިކަން ހެދުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ 3 އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.