ދުނިޔެ

މިއަހަރުވެސް ނިއުޒީލެންޑުގެ ސަރަޙައްދީ ރޮނގުތައް ބަންދު


މި އަހަރުގެ ބޮޑު ބައެއްގައިވެސް ނިއުޒީލެންޑުގެ ސަރަޙައްދީ ރޮނގުތައް ހުންނާނީ ބަންދުކޮށްފައިކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންދާ އާޑެން ވިދާޅުވެއްޖެއެވެ.

ނިއުޒީލެންޑުގައި މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 1،934 މީހުންނަށެވެ. އެ ޤައުމުގައި ބަލީގެ ސަބަބުން މަރުވެފައިވަނީ 25 މީހުންނެވެ. ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ޤައުމު ފާހަގަވެފައިވަނީ ކޯވިޑްގެ ސަބަބުން ޤައުމުގެ ޙާލަތު މާ ބޮޑަށް ގޯސްވިޔަ ނުދީ ހިފަހައްޓަމުން އަންނަ ޤައުމެއްގެ ގޮތުގައެވެ. އޭގެ ސަބަބަކީ އެ ޤައުމުގައި ބަލިފެތުރެން ފެށުމުން ބައްޔާއި ދެކޮޅަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެވެ. އެގޮތުން ނިއުޒީލެންޑުގައި ބަލި ފެތުރުން ފެށުމުން ހަރުކަށި ފުރަބަންދެއް އެ ޤައުމުގައިވަނީ ޤާއިމްކޮށްފައެވެ.

ބަލިމަޑުކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އާޑެން ވިދާޅުވީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ ޙާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ބަލީގެ ސަބަބުން އޮތް ނުރައްކާ އަދިވެސް ވަރަށް ބޮޑުކަމަށެވެ. އާޑެން ވިދާޅުވީ މި އަހަރުގެ ތެރޭގައި އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް ހުޅުވާނެކަމަށް ނުބެލެވޭކަމަށެވެ. ނަމަވެސް އޮސްޓްރޭލިއާ އާއި އެހެން ޕެސިފިކް ޤައުމުތަކާއި ދެމެދު ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވާނެކަމަށް އާޑެން ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ކަންކަން އަލުން ފަށާނީ ކޯވިޑާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިން ޖަހާފައިވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ނުޖެހޭނެކަމުގެ ޔަޤީންކަން ލިބުމުންކަމަށް ނިއުޒީލެންޑުގެ ރަސްމީ އިދާރާތަކުންވަނީ ބުނެފައެވެ. މީގެއިތުރުން ޤައުމުގެ އާބާދީގެ ވަކި މިންވަރަކަށް ވެކްސިން ދިނުން މުހިއްމުކަންވެސް އެ އިދާރާތަކުންވަނީ ފާހަގަކޮށްފައެވެ.

ބޮޑުވަޒީރު އާޑެން ވިދާޅުވީ ދެކަމަށްވެސް ގިނަ ވަގުތުތަކެއް ހޭދަވާނެކަމަށެވެ. އެހެންކަމުން ޕެސިފިކުގެ ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކަށް ނިއުޒީލެންޑު ހުލުވާލުމަކީ ނުރައްކާތެރިކަމެއްކަމަށް އާޑެން ވިދާޅުވިއެވެ. އަދި އެގޮތަށް ޢަމަލުކޮށްފިނަމަ ޤައުމުގެ ރައްޔިތުންގެ ޞިއްޙަތާއި، ޤައުމުގެ އިޤްތިޞާދަށް އޮތް ނުރައްކާ ވަރަށް ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބައްޔާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިނަކަށް އަންނަ ހަފުތާގެ ތެރޭގައި ނިއުޒީލެންޑުން ޙުއްދަ ދޭނެކަމަށް ބެލެވޭކަމަށް އާޑެން ވިދާޅުވިއެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ނިމުމުގެ ކުރިން ނިއުޒީލެންޑަށް ވެކްސިން ފޯރާނެކަމަށް އުންމީދުކުރެވެއެވެ.