ޚަބަރު

2020 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު


2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކަށްވުރެ މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދުކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ޖިންސީ މައްސަލަތާކައި، ގެވެށި އަނިޔާގެ މައްސަލަ އިތުރުކަން ފާހަގަކުރެވެއެވެ.

ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު، 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 16482 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވަނީ 12787 މައްސަލައެވެ. މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މާލެ ސަަރަހައްދުން 8060 މައްސަލަ ހުށަހަޅާފައިވާއިރު އަތޮޅުތަކުން ހުށަހަޅާފައިވަނީ 4727 މައްސަލައެވެ.

މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކަށް ބަލާލާއިރު، ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތައް މިދިޔަ އަހަރު ހުށަހެޅުނު އަދަދު ވަނީ މަދުވެފައެވެ.

އެގޮތުން ވައްކަމުގެ 3581 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ 4551 މައްސަލައެވެ. މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު 2019 ވަނަ އަހަރު 2186 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި މިދިޔަ އަހަރު ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ 1425 މައްސަލައެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކަށް ބަލާއިރު، 2019 ވަނަ އަހަރު 467 މައްސަލަ އެއް ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 394 މައްސަލައެވެ.

ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، ބިރުދައްކައިގެން ފައިސާ ފޭރުމުގެ 13 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު ހުށަހެޅިފައިވަނީ 11 މައްސަލައެވެ. ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރުމުގެ 21 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 9 މައްސަލައެއް ހުށަހެޅިފައިވެއެވެ. ފޭރުމުގެ އެހެނިހެން 449 މައްސަލައެއް 2019 އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު މިފަދަ 328 މައްސަލަ ހުށަހެޅިފައިވެއެވެ. މާރާމާރީގެ 661 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ 633 މައްސަލައެވެ.

ޓްރެފިކް މައްސަލަތަކަށް ބަލައިލާއިރު 2019 ވަނަ އަހަރު ޓްރެފިކް އެކްސިޑެންޓްގެ 2323 މައްސަލައެއް ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު ހުށަހެޅިފައިވަނީ 1390 މައްސަލައެވެ. ޓްރެފިކް އެކްސިޑެންޓް ތަކުގައި 2019 އަހަރު 5 މީހަކު ނިޔާވެފައިވާއިރު މިދިޔަ އަހަރު މީހަކު ނިޔާވެފައެއް ނުވެއެވެ. އަދި ކަނޑުމަތީގެ އެކްސިޑެންޓުތަކުގެ 172 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު މިފަދަ 86 މައްސަލައެއް ހުށަހެޅިފައިވެއެވެ. ކަނޑުމަތީ އެކްސިޑެންޓްތަކުގައި 2019 ވަނަ އަހަރު މީހަކު ނިޔާވެފައިވާއިރު ފާއިތިވެ ދިޔަ އަހަރު މީހަކު ނިޔާވެފައެއްނުވެއެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަދުއަޚްލާގީ މައްސަލަތަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކައުންޓަރ ފީޑް ފޯޖަރީގެ މައްސަލަތަކާއި، މަކަރާ ހީލަތުގެ މައްސަލަތައް ހުށަހެޅުނު އަދަދު ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން ބަދުއަޚްލާގީ މައްސަލަތަކުގެ 411 މައްސަލައެއް 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު 490 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި ޖިންސީ ފުރައްސާރައިގެ 38 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 72 މައްސަލައެއް ހުށަހެޅިފައިވެއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 219 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު ހުށަހެޅިފައިވަނީ 245 މައްސަލައެވެ. އަދި ކައުންޓަރ ފީޑް ފޯޖަރީގެ 87 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު 108 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވެއެވެ. މަކަރާއި ހީލަތުގެ 498 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 609 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވެއެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު، އެކި މައްސަލަތަކާ ގުޅިގެން 2019 ވަނަ އަހަރު 3327 މީހުން ހައްޔަރުކޮށްފައިވާއިރު، ފާއިތުވި އަހަރު ވަނީ 3849 މީހުން އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައެވެ. މީގެއިތުރުން ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުނު މައްސަލަތައް 2019 ވަނަ އަހަރާ އަޅާބަލާއިރު ފާއިތުވި 2020 ވަނަ އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު 1571 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު ފާއިތުވި އަހަރު 1724 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިކަމަށް ފުލުހުން ވިދާޅުވެއެވެ.