ޚަބަރު

އިންފަންޓީނޯގެ އެންމެ ބޮޑު ނާކާމިޔާބީ


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ކެރިއަރުގައިވެސް އެންމެ ބޮޑު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހުނީ ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށްޓަކައި ވިޔަފާރި ކުންފުންޏެއް އުފައްދައި، އޭގެ %20 އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އޭނާ ހުށަހެޅުއްވި ހުށަހެޅެއްވުމާ ގުޅިގެންނެވެ.

ފުޓްބޯޅަ އާއިލާގެ ތެރެއިން މިހުށަހެޅުމަށް ލިބިގެންދިޔަ ވަރުގަދަ ދެކޮޅުވެރިކަމާއެކު އެ މަޝްރޫއު މިހާރު ވަނީ ހުއްޓާލާފައެވެ. ފީފާއިން ނެރުނު ބަޔާނެއްގައި، އިންފަންޓީނޯއާ ހަވާލާދީ ބުނެފައިވަނީ އެ ހުށަހެޅުން މިހާރު އެއްކޮށް ބާތިލުވެފައިވާ ކަމަށެވެ.

މި ނިންމުމާއެކު، ފާއިތުވި ތިން ދުވަހު ފުޓްބޯޅަ ދުނިޔޭގައި އުފެދުނު ބޮޑު ހަމަނުޖެހުންތަކަށް ނިމުމެއް މިވަނީ އައިސްފައެވެ. މި މައްސަލަ އެންމެ ބޮޑަށް ހޫނުވީ، ފުޓްބޯޅައިގެ ހަ ބައްރުގެ ތެރެއިން އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ ފެޑެރޭޝަން ކަމަށްވާ ޔޫރަޕްގެ ޔޫއެފާއިން، މި ހުށަހެޅުން އަނބުރާ ނުގެންދަނީސް ފީފާގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާނެ ކަމަށް ބުނެ ފީފާ ބޮއިކޮޓް ކުރުމުންނެވެ.

މިދިޔަ ތިން ދުވަހުގެ ތެރޭގައި ކަންތައްތައް ބަދަލުވެގެންދިޔަ ގޮތުން، އާންމުކޮށް އިންފަންޓީނޯއަށް ތާއީދުކުރާ ފެޑެރޭޝަންތަކުން ވެސް ވަނީ މިކަމުގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ފުޓްބޯޅައިގެ އަސްލު ރޫހު ވިޔަފާރި އުސޫލުން ވިއްކާލަން އުޅޭ ކަމުގެ ތުހުމަތު ވެސް އިންފަންޓީނޯއަށް އަމާޒުވިއެވެ.

އިންފަންޓީނޯއަށް މިކަމުގައި އެއްވެސް އެއްބަސްވުމަކަށް ނާދެވުނުއިރު، ފީފާއިން ކުއްލި ގޮތަކަށް މީޑިއާތަކަށް މި މައުލޫމާތު ތިލަވުމާ ހަމައަށް، މި ކަމުގައި ހިމެނޭ މުހިންމު ފަރާތްތަކަށް މި މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވެއެވެ.

އިންފަންޓީނޯ އިންވެސްޓަރުންނާ ބައްދަލުކުރައްވައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ޖޯޝުއާ ކުޝްނާގެ 'ތުރައިވް ކެޕިޓަލް' އިސްކުރަން ނިންމެވިއިރު، ފުޓްބޯޅައިގެ އިސް ފަރާތްތައް ތިބީ މިކަމުގެ އެއްވެސް މައުލޫމާތެއް ނޭނގިއެވެ.

ކުޅިވަރު މާކެޓިން ދިރާސާކުރާ ބޮބް ޑޯފްމަން ރޮއިޓާސްއަށް ބުނި ގޮތުގައި، މި މުއާމަލާތުގެ ތެރޭގައި ކުޝްނާގެ ނަން ހިމެނުމަކީ ކަންތައްތައް އިތުރަށް ގޯސްވި ސަބަބެކެވެ. ހާއްސަކޮށް ވޯލްޑް ކަޕްގެ ތެރޭގައި ބަލޮގަން އާއި ޓްރަމްޕާ ގުޅޭގޮތުން ހިނގި ކަންތައްތަކަށް ބަލާއިރު، ޓްރަމްޕްގެ އާއިލާގެ މީހަކު މިކަމުގައި ބައިވެރިވުމުން މައްސަލަ މާ ބޮޑަށް ގޯސްވެގެން ދިޔައެވެ.

މީގެ ދެ ހަފުތާ ކުރިން އިންފަންޓީނޯ ހުންނެވީ ދުނިޔޭގެ އެންމެ ކާމިޔާބު ކުޅިވަރު މުބާރާތް ހިންގަވާ، ވަރަށް ވަރުގަދަ މަގާމެއްގައެވެ. ނަމަވެސް އެންމެ ދެ ހަފުތާ ފަހުން މިއަދު އޭނާއަށް ޖެހިފައިވަނީ އޭނާގެ ސިޔާސީ މުސްތަގުބަލު ސަލާމަތްކުރުމަށްޓަކައި ހަނގުރާމަކުރާށެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން، އަންނަ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައި ހަތަރުވަނަ ދައުރަކަށް އިންފަންޓީނޯ އިންތިހާބުވުމަކީ ކަށަވަރުވެފައި އޮތް ކަމެއްގެ ގޮތުގައި ބެލެވުނެވެ. އޭނާއާ ވާދަކުރާނެ އެހެން ކެންޑިޑޭޓަކު އޭރު ފެންނާކަށް ނެތެވެ. ފީފާގެ މެމްބަރު 211 އެސޯސިއޭޝަންގެ ތެރެއިން 200 އެސޯސިއޭޝަންގެ ތާއީދު، ވޯލްޑް ކަޕްގެ ކުރިން އިންފަޓީނޯއަށް އޮތެވެ. އެހެންނަމަވެސް މިހާރު އެއަދަދު ވަރަށް ބޮޑު ބަދަލުވާނެއެވެ.

އަންނަ އަހަރު އޮންނަ ފީފާ އިންތިހާބުގައި އިންފަންޓީނޯއާ ވާދަކުރާނެ ކެންޑިޑޭޓުން ނުކުންނާނެކަން މިހާރު ގާތްގަނޑަކަށް ކަށަވަރުވެއްޖެއެވެ.