ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ބޭނުން އެއް ފެންވަރެއްގައި ހުރިހާ މުބާރާތެއްގައިވެސް ހިފުމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ގޮވާލައިފިއެވެ.
ލަމްޕާޑް މިކަމަށް ގޮވާލީ ޕްރިމިއަރ ލީގުގައި ގެންގުޅޭ ގައިވައިދުތަކާއި ޗެމްޕިއަންސް ލީގުގައި ގެންގުޅޭ ގަވައިދުތައް ތަފާތުވުމުންނެވެ. ޕްރިމިއަރ ލީގުގައި ޗެލްސީ އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑާއި ކުޅުނު މެޗުގައި ޗެލްސީއަށް ޕެނަލްޓީއެއް ލިބެންޖެހޭކަން ލަމްޕާޑް ވަނީ ފާހަގަކޮށްފައެވެ. އަދި އެމެޗަށްފަހު ފުޓްބޯޅައިގެ ތަޖްރިބާކާރުން ކައިރިން އެހުމުންވެސް ޗެލްސީއަށް ޕެނަލްޓީ ލިބެންޖެހޭކަމަށް އެމީހުންވެސް ބުނެފައިވާކަން ލަމްޕާޑް ވަނީ ފާހަގަކޮށްފައެވެ.
އަނެއްކޮޅުން ޗެމްޕިއަންސް ލީގުގެ އެންމެ ފަހުން ޗެލްސީ ރެނޭ އާއި ބައްދަލުކުރި މެޗުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީއަކީ ޕްރިމިއަރ ލީގުގައި ނަމަ ނުލިބޭނެ ޕެނަލްޓީއެއްކަންވެސް ލަމްޕާޑް ފާހަގަކުރިއެވެ އެއީ ޗެމްޕިއަންސް ލީގުގައި ގެންގުޅޭ ހޭންޑްބޯލް ގަވައިދު ޕްރިމިއަރ ލީގުގައި އެގޮތަށް ބަލަމުން ނުދާތީއެވެ. ލަމްޕާޑްގެ އިތުރުންވެސް މަޝްހޫރ ބައެއް ކޯޗުން އަންނަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ބޭނުން ހިފަމުންދާ ގޮތާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދާ އެކަން ފާހަގަކޮށްފައެވެ.