ޚަބަރު

އޭޓީއެމް ފެއާ 2026، ކާމިޔާބުކަމާއެކު ނިންމާލައިފި


  • ފެއާގައި 74 ކުންފުންޏެއްގެ 165 މަންދޫބުން ބައިވެރިވި

  • މިފަހަރު ތައްޔާރުކޮށްފައިވަނީ މިހާތަނަށް ތައްޔާރުކުރި އެންމެ ބޮޑު ސްޓޭންޑު

މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އަރަބިއަން ޓްރެވަލް މާކެޓް، އޭޓީއެމް 2026 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ފެއާގައި މިއަހަރުވެސް ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ތަޖުރިބާކާރު 74 ކުންފުންޏެއްގެ 165 މަންދޫބުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ މި ފެއާގެ ތެރެއިންވެސް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. މީގެތެރެއިން އެންމެ ފާހަކޮށްލެވޭ އެއްކަމަކީ ބައިނަލްއަޤްވާމީ 2 އެއާލައިނަކާއެކު ވިޒިޓް މޯލްޑިވްސްއިން އެމްއޯޔޫތަކުގައި ސޮއިކުރުމެވެ. އެގޮތުން އެމިރޭޓްސް އަދި ގަތަރު އެއާވޭސްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ޑެސްޓިނޭޝަން މާކެޓްކުރުމަށާއި، ޓްރެވަލް ޓްރޭޑް މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ފެއާގެ ތެރެއިން ރާއްޖެ ތަމްސީލުކުރުމަށް ވީއެމްސީން ވަނީ 517 އަކަ މީޓަރުގެ ބޮޑު ސްޓޭންޑެއް ތައްޔާރުކޮށްފައެވެ. މިއީ އޭޓީއެމް ފެއާގައި ރާއްޖެއިން މިހާތަނަށް ތައްޔާރުކުރި އެންމެ ބޮޑު ސްޓޭންޑެވެ.

ހަތަރު ފަރާތުން ވަދެވޭގޮތަށް ފަރުމާކޮށްފައިވާ މި ޑަބަލް ޑެކް ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި ފަރުތަކާއި، ދިރުންތަކުގެ ރީތިކަން ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެފަދަ ގޮތަކަށެވެ. އަދި ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް ދިވެހިން އާންމުކޮށް ކައިއުޅޭ ލުއި ކާނާ ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ފެއާގެ ތެރެއިން ފަހިކޮށްދީފައިވެއެވެ.

މިއަހަރުގެ އޭޓީއެމް ފެއާގެ ތެރެއިން ރާއްޖެއިން ބީ2ބީ ބައްދަލުވުންތައް ބޭއްވުމަށް ޚާއްސަ އިސްކަމެއް ދީފައިވެއެވެ. ސްޓޭންޑުގެ 2 ފަންގިފިލާގައިވެސް މި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މި ބައްދަލުވުންތަކަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ވީއެމްސީން ފާހަގަކުރައްވައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައި ވީއެމްސީން ފާހަގަކުރައްވައެވެ.

ފެއާ ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޔާސިރު ޢަބްދުﷲ ވިދާޅުވީ، ދަތިތަކާއެކުވެސް 4 ދުވަހަށް ކުރިއަށްގެންދިޔަ މި ފެއާ ވަރަށް ކާމިޔާބުކަމަށެވެ.

"މިއަހަރުފެއާވެސް މި ނިމިގެންދިޔައީ ވަރަށް ކާމިޔާބުކަމާއެކު. ވީއެމްސީއާއެކު 74 ކުންފުންޏަކުން 165 މަންދޫބުން ފެއާގައި ބައިވެރިވެ ވަރަށް ގިނަ ހުށަޙެޅުންތައް ހުށަހެޅިގެންދިޔަ. ވިޔަފާރިތަކުގެ ގުޅުން ބަދަހިކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު މަސައްކަތްތަކެއް މި ފެއާގެ ތެރެއިންވެސް ކުރެވިއްޖެ". ޔާސިރު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ ފަރާތްތަކަށް މާކެޓްކުރުމަށް އޭޓީއެމް ފެއާގެ ތެރެއިން ވަނީ ޚާއްސަ ގޭމިން އެޕްލިކޭޝަނެއްވެސް ލޯންޗުކޮށްފައެވެ. "ހޭއި ޓްރެވެލާސް"ގެ ނަމުގައި އުފެއްދި މި ގޭމުން ފަޅުރަށެއް، ރިޒޯޓު ފެންވަރަށް ތަރައްޤީކޮށްލުމުގެ ފުރުސަތު ގޭމު ކުޅޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އޭޓީއެމް ފެއާގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މެދުގައި ފައިދާކުރަނިވި ޖޮއިންޓް ވެންޗަރތައް ކުރިޔަށް ގެންދިއުމަށް ފުރުޞަތު ހުޅުވާލުމެވެ. އޭޓީއެމް ފެއާއަކީ މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާއެވެ.

މިއީ މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް ދަހިކުރުމަށް ބާއްވާ މުހިންމު ފެއާއެކެވެ.