ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކާއި، ހިދުމަތް ދޭ ފަރާތްތައް ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ، ބަލިމީހުންނަށް ރައްކާތެރި ސިއްހީ ހިދުމަތް ދިނުމުގެ މުހިންމުކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އދ އިން ކަނޑައަޅާފައިވާ ދުވަހެކެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވަނީ ދުވަހުގެ މުނާސަބަތުގައި، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ފާމަސިސްޓުންނާއި، ލެބޯޓަރީ ޓެކްނީޝަނުންނާއި، ސިއްހީ ދާއިރާގެ ހުރިހާ ހިދުމަތްތެރިންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް، ބަލިމީހުންގެ ރައްކާތެރިކަމާ ދޭތެރޭ ދެވޭ ސަމާލުކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރެެއްވިއެވެ.
އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަމައެކަނި ސިއްހީ ހިދުމަތްތެރިންގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކާއި، ހިދުމަތް ދޭ ފަރާތްތަކާއި، ސިއްހީ ދާއިރާ ހިންގާ ފަރާތްތައް ގުޅިގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށެވެ.
އަބްދުއްރައްޒާގު ހަލީމް ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި އޭނާ ވަނީ ދިވެހި ސިއްހީ ހިދުމަތްތެރިންގެ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ބަލި މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދީ ފަރުވާގެ ނިޒާމުގައި ހިނގާ އިހުމާލުގެ އެކި މައްސަލަތައް މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.