އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ދެން އޮތް މަރުޙަލާއާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި، އެމެރިކާގެ ނިއުޔޯކުގައި ބާއްވާ އދގެ އާންމު މަޖިލީހުގެ ހަވާސާގައި ގަލްފުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
އެކި މަސްދަރުތަކާ ޙަވާލާދީ "އެކްސިއޮސް"އިން ބުނި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ހަނގުރާމައަށްފަހު ކަންކަން ތަރުތީބުކުރާނެ ގޮތުގެ އެމެރިކާގެ ހުށަހެޅުންތަކަށެވެ. އެގޮތުން، ކުރިއަށް އޮތް އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު ފައިނަލް ކުރެވޭނެ ކަމަށް ބެލެވޭ ފްރޭމްވޯކެއް އެކުލަވާލުމަށް ޓްރަމްޕާއި އެމަނިކުފާނުގެ ގައުމީ ސަލާމަތާ ބެހޭ އިސް ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ބައްދަލުވުމުގެ ދަޢުވަތުތައް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު ވަނީ ފޮނުވަން ފަށައިފައެވެ.
ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ މެމްބަރު ޤައުމުތައް ކަމަށްވާ ސަޢުދީ ޢަރަބިއްޔާ، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، ގަތަރު، ބަހްރޭން، ކުވޭތު އަދި އޮމާންގެ އިސް އޮފިޝަލުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. އަދި މީގެއިތުރުން އެހެން ޢަރަބި އަދި މުސްލިމް ޤައުމުތަކުގެ ވެރިންނަށްވެސް ދަޢުވަތު އެރުވުން އެކަށީގެންވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
މީގެއިތުރުން، ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ނިއުޔޯކުގައި ޓްރަމްޕާއެކު ވަކި ބައްދަލުވުމެއް ބޭއްވުމަށް އެދިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، އަދި މިހާތަނަށް ރަސްމީ ބައްދަލުވުމެއް ހަމަޖެހިފައިނުވާ ކަމަށް ޔަހޫދީ ދައުލަތުގެ މަސްދަރަކުން ބުނެފައިވާއިރު، އެމެރިކާގެ ސަރުކާރުން ވަނީ މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އިންކާރުކޮށްފައެވެ.
މި މަޝްވަރާތައް އިންތިޒާމު ކުރެވެމުންދަނީ، މިދިޔަ އަހަރުގެ އދގެ އާންމު މަޖިލީހުގެ ތެރެއިން ޢަރަބި އަދި މުސްލިމް 8 ޤައުމެއްގެ ވެރިންނާ ބައްދަލުކުރައްވައި ފަލަސްޠީނުގެ ޣައްޒާގެ ޤަތުލުއާންމު ހުއްޓުވުމަށް އެކުލަަވައިލި އޮނިގަނޑު ހުށަހެޅުއްވި އުސޫލުންނެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް އީރާނުގެ ވަރުގަދަ ރައްދު ހަމަލާތައް އަމާޒުވެފައިވާއިރު، ކަނޑުދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި ތެލާއި އެހެނިހެން މުދާ އުދުލުމަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ސަރަޙައްދުގެ އިޤްތިޞާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
މި ޚާރިޖީ މަސައްކަތްތައް ކުރިއަށްދާއިރު، އެމެރިކާ މިހާރު މިސްރާބު ޖަހާފައިވަނީ ހަނގުރާމަ ނިންމުމާ ދިމާއަށް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ސުލްޙައިގެ އެއްބަސްވުމަކަށް އަންނަން ބޭނުންވާކަމުގެ މެސެޖު ސީދާ އީރާނުގެ އޮފިޝަލުންގެ ފަރާތުން އެމެރިކާއަށް ވަނީ ލިބިފައެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ހަނގުރާމައިގެ އެންމެ ފަހު މަރުޙާލާއާ ހަމައަށް އާދެވިފައިވުން. އެމީހުން ބޭނުންވަނީ އެއްބަސްވުމެއް އެކުލަވާލަން، އަދި ކަންކަން ދާގޮތް އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން ގެންދާނަން،" ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ.
މި މުޢާމަލާތްތައް ހިންގާފައިވަނީ ސީދާ އީރާނުންތޯ ނުވަތަ މެދުވެރިއެއް މެދުވެރިކޮށްތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، މެސެޖު ލިބިވަޑައިގަތީ ސީދާ އީރާނުގެ އޮފިޝަލުންގެ ފަރާތުން ކަމަށެވެ.
މުޅި މެދުއިރުމަތީގެ ސަރަޙައްދަށް ސުލްޙަ ގެނައުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ކަނޑުގެ ދަތުރުފަތުރުގެ މަގުތައް އަލުން ހުޅުވާލުމަށް ޖޫން މަހު އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް، ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު އަދިވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
މި ހަނގުރާމަ ފެށިގެންދިޔައީ ފެބްރުއަރީ މަހު އެމެރިކާއާއި ޔަހޫދީންގެ ދައުލަތް ގުޅިގެން އީރާނުގެ އުމްރާނީ ވަޞީލަތްތަކަށާއި، އަސްކަރީ މަރުކަޒުތަކަށާއި، އަދި ވައިގެ ދިފާޢީ ނިޒާމުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ރައްދުގައި އީރާނުން ވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޔަހޫދީ ދައުލަތަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ހަނގުރާމަ ހުއްޓުވުމަށް ޚާރިޖީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދިޔަ ނަމަވެސް، މި ކުރިމަތިލުންތައް މިހާރު ވަނީ ސަރަޙީއްދީ ފުޅާ ހަނގުރާމައަކަށް ބަދަލުވެފައެވެ.