ޚަބަރު

ކޯވިޑް-19 : ވެންޓިލޭޓަރުގައި 5 މީހަކަށް އަންނަނީ ފަރުވާދެމުން


ރާއްޖެއިން ކޯވިޑް-19 ޖެހުނު 5 މީހަކަށް މިހާރު ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޯވިޑް ޖެހުނު 10 މީހަކަށް މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ހޮސްޕިޓަލުގައި 169 އަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. މިހާ ގިނަ އަދަދަކަށް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު މި ނިމުނު ހަފްތާގެ ތެރޭގައިވެސް ހާހެއްހާ މީހުން ޕޮޒިޓިވްވެފައިވާއިރު މި ބަލީގައި 4 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19 އެންމެ ފުރަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައިރު ހޮސްޕިޓަލުގައި ފަރުވާދޭ މީހުންނާއި ވެންޓިލޭޓަރުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު މަދުވި ނަމަވެސް މިދިޔަ މަހުން ފެށިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓާތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

އަދި އައިސީޔޫއާއި ވެންޓިލޭޓަރުގައިވެސް ފަރުވާ ދެމުން އަންނަ މީހުން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ހޮސްޕިޓާ ތަކުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހައިރިސްކް ކެޓަގަރީ ނުވަތަ ބޮޑެތި ބަލިތަކަށް ފަރުވާ ދެމުންދާ މީހުންގެ ނިސްބަތްވެސް އިތުރުކަން އެޗްއީއޯސީން ހާމަކުރައްވައެވެ.