އަންހެނެއްގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ދައުވާ އަނބުރާ ގެނދިއުމަށް ނިންމީ އެއަންހެން މީހާ އެނގިހުރި މަސްތުވާތަކެއްޗާއި ހަވާލުވިކަން ސާބިތު ކޮށްދެވޭނެ ގޮތެއް ނެތުމުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެވެ.
މިއީ ދެމަފިރިއަކު ހުއްޓުވައި ބަލާ ފާސްކުރިއިރު އަންހެނެއްގެ އަންނައުނުން މަސްތުވާ ތަކެތި ފެނުނު މައްސަލައެކެވެ. މިމައްސަލައިގަ އެދެމީހުންގެ މައްޗަށްވެސް ދައުވާ އުފުލިއެވެ. ދަޢުވާކުރީ މައްސަލައިގެ ހިމެނެނީ ދެމަފިރިން ކަމުގައިވެފައި އާންމު ހާލަތައް ބަަލައި މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތި ފޮރުވުމުގައި ބައިވެރިވުމުގެ ފުރުޞަތު އޮތުމުންކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ނަމަވެސް ޝަރީޢަތުގެ މަރުހަލާގައި ފިރިހެން މީހާ، ކަން ހިނގިގޮތް ބަޔާންކޮށް އަންހެން މީހާ އަތަށް ދިން ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ހިމެނޭކަން އޭނާއަށް ނޭނގޭނެ ކަމަށް ބުނެފައި ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މިމައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފިރިހެން މީހާ ޝަރީޢަތުގެ މަޖިލީހުގައި ދިން ބަޔާނުގައި ފުލުހުން ހުއްޓުވި ވަގުތު ކުއްލިއަކަށް އަނބިމީހާ އަތައް އެއްޗެއް ދިން ކަމަށްވަނީ ބުނެފައެވެ.
ޝަރީޢަތުގެ މަޖިލީހުގައި ފިރިމީހާ ވަނީ ފުލުހުން ހުއްޓުވި ވަގުތު އަނބި މީހާ އަތަށް ފޮރުވަން ދިން އެތީގައި މަސްތުވާތަކެތި ހުރިކަން އަނބި މީހާއަށް ނޭނގޭނެ ކަމަށް ބުނެފައެވެ. އަދި އެތަކެއްޗަކީ އޭނާގެ އަމިއްލަ ތަކެތި ކަމަށް އިއުތިރާފްވެ އެތަކެއްޗަށް ޒިންމާވެސް ނަގާފައެވެ. މިމައްސަލައިގަ ދައުވާ ކުރި ފިރިހެން މީހާއަކީ މަސްތުވާތެކެތީ ރެކޯޑު އޮންނަ މީހަކަށްވާއިރު، އަންހެން މީހާއަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫންކަން ޕީޖީން ފާހަގަކުރެއެވެ.
ޕީޖީން ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން އެހެން މީހަކު ފެނުނު ތަކެއްޗަށް ޒިންމާ ނެގިޔަސް އަނެކާ ކުށުން ބަރީޢައެއް ނުވާނެ ކަމަށެވެ. ނަމަވެސް މައްސަލަތަކުގެ ހާދިސާ ހިނގާދިޔަ ގޮތާއި ހާލަތައް ރިޢާޔަތްކުރިކަމަށް ޕީޖީން ވިދާޅުވިއެވެ. މިމައްސަލައިގަ އަންހެން މީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެނައީ، ފިރިމީހާ ޝަރީއަތުގައި އިއުތިރާފު ވުމާއި، އަންހެން މީހާ އެނގިހުރެ އެތަކެއްޗާއި ހަވާލުވިކަން ސާބިތުކޮށްދެވޭނެ ގޮތެއް ނެތުމުން ކަމަށް ޕީޖީން ވިދާޅުވިއެވެ. އަދި ދައުވާ އަނބުރާ ގެންދިޔައީ ފިރިމީހާ ޝަރީޢަތަށް އިއުތިރާފުވެ ހުކުމްކޮށް ނިމުމުން ކަމަށް ޕީޖީން ވިދާޅުވިއެވެ.