ކުރެހުމާއި ފޮޓޯގްރަފީ ފަދަ މުބާރާތްތަކުގެ ތެރެއިން ޤައުމީ ޖިހާދުތަކުގެ ޒިކުރާ އާލާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވޭނެކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިނިވަން ދުވަހާއި ޤައުމީ ދުވަސް ފަދަ މުހިންމު މުނާސަބަތުތަކާ ގުޅުވައިގެން މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ މިނިވަންކަމުގެ އުފަލުގައި ބައިވެރިވުމާއި، މިނިވަންކަމުގެ މާނައާއި އެ ދުވަހާ ގުޅިފައިވާ މުހިންމު އިހުސާސްތައް ކުރެހުމާއި ފޮޓޯގެ ޒަރިއްޔާއިން ރައްޔިތުންގެ މެދުގައި ދިރުވައި އާލާކުރުން ކަމަށެވެ. މީގެ އިތުރުން، މިފަދަ މުބާރާތްތަކަކީ ރާއްޖޭގެ ސަޤާފަތާއި، ތަރިކައާއި، ތާރީޚުގެ އިތުރުން ކާބަފައިން މި ޤައުމަށްޓަކައި ވެވަޑައިގެންފައިވާ މަތިވެރި ޖިހާދުތަކުގެ ހަނދާންތައް އާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަފާތު މުނާސަބަތުތަކާ ގުޅިގެން ބާއްވާ މިފަދަ މުބާރާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކުރައްވަމުން، އަންނަ އަހަރު މިއަށްވުރެ ފުޅާ ދާއިރާއެއްގައި މި މުބާރާތް ބޭއްވުމަށް ރާވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"160އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވޭ. މިކަމުން އަނގައިދިނީ ހުރިހާ ފަރާއްތަކުން މިފަދަ ކަންކަަމަށް އޮތް ޝައުގުވެރިކަން. ކުރެހުމާއި، ފޮޓޯ ނެގުމުގެ މިފަދަ މުބާރާތްކަކީ މި ފަދަ މުނާސަބަތުތަކާއި ގުޅިގެން ކުރިއަށް ގެންދިޔުމަަށް ވަރަށް މުހިންމު މުބާރާތްތަކެއް. މި އަންނަ އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ރަނގަޅު އިނާމުތަކާއެކު މިއަށްވުރެއް ފުޅާ ދާއިރާއެއްގައި މި މުބާރާތް ބޭއްވިގެންދާނެ" ވަޒީރު ހީނާ ވިދާޅުވިއެވެ.
މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ކުރެހުމުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 10 އަހަރާއި 15 އަހަރާ ދެމެދު، 16 އަހަރާއި 20 އަހަރާ ދެމެދު، އަދި 21 އަހަރުން މަތީގެ އުމުރުފުރާއެވެ. މި މުބާރާތުގައި ޖުމްލަ 74 ކުރެހުމެއް ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10-15 އަހަރުގެ އުމުރުފުރާއިން 31 ކުރެހުން، 16-20 އަހަރުގެ އުމުރުފުރާއިން 28 ކުރެހުން، އަދި 21 އަހަރުން މަތީގެ އުމުރުފުރާއިން 15 ކުރެހުމެވެ.
ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 16 އަހަރުން މަތީގެ ފަރާތްތަކަށް ހުޅުވާލިއިރު، މި މުބާރާތުގައި ޖުމްލަ 90 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ދެ މުބާރާތުންވެސް އެންމެ މޮޅު ތިން ފަރާތް ހޮވައި، ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ކޮންމެ މުބާރާތަކުން 1 ވަނައަށް ހޮވުނު ފަރާތަށް 10,000 ރުފިޔާ، 2 ވަނައަށް 6,000 ރުފިޔާ، އަދި 3 ވަނައަށް ހޮވުނު ފަރާތަށް 3,000 ރުފިޔާ ވަނީ ދީފައެވެ.
މީގެ އިތުރުން، ކުރެހުމުގެ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 10 ކުރެހުމާއި، ފޮޓޯގްރަފީ މުބާރާތުން ހޮވުނު އެންމެ މޮޅު 10 ފޮޓޯ ވަނީ އާންމުންނަށް ދައްކާލުމަށްޓަކައި މައުރަޒެއްގައި ބަހައްޓާފައެވެ.