ޚަބަރު

ކޮރަޕްޝަން ހުއްޓުވަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު ފަހުމުނާމާއެއް


  • މަޤުޞަދަކީ ކުންފުނިތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގުން ހުއްޓުވުން

  • ފަހުމުނާމާގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ފަންނީ އެހީތެރިކަން ދޭނެ

ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރަން މަސައްކަތް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ.

އޭސީސީން ވިދާޅުވީ، މި ފަހުމުނާމާއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގުން ހުއްޓުވުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަޤުސަދުގައި ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި ދެ އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ފަންނީ ލަފަޔާއި އިރުޝާދުތައް ސްޓެލްކޯގެ ހިންގުމުގެ ތެރޭގައި ތަންފީޒުކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެ ކަމަށެވެ.

މީގެއިތުރުން މި ފަހުމުނާމާގެ ދަށުން އޭސީސީގެ ޒިންމާތަކުގެ ތެރޭގައި، ސްޓެލްކޯގެ މުވައްޒަފުންނަކީ ނަޒާހަތްތެރި ބަޔަކަށް ހެދުމަށް ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތާތަކުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އޭސީސީން މައުލޫމާތުދެއްވައެެވެ.

މި ފަހުމުނާމާގެ ދަށުން ސްޓެލްކޯގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކަށް ބަލާއިރު، އޭސީސީން ތަޙުޤީޤުކުރާ މައްސަލަތަކަށް ބޭނުންވާ މުހިންމު ލިޔެކިޔުމާއި މަޢުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށާއި، ތަޙުޤީޤުތަކަށް ބޭނުންވާ މުވައްޒަފުން ހާޒިރުކުރުމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި ސްޓެލްކޯގައި ވަރުގަދަ އެންޓި-ކޮރަޕްޝަން ޕޮލިސީތަކެއް ޤާއިމްކުރުމަށާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ހިރާސް (ރިސްކް) ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ވެސް މި ފަހުމުނާމާގައި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، މި ފަހުމުނާމާގެ ސަބަބުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމަށް މަގުފަހިވެ، ދެ އިދާރާގެ ވަޞީލަތްތައް ހިއްސާކޮށްގެން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ދެފަރާތުންވެސް އުންމީދު ކުރެއެވެ.