ޚަބަރު

އެޗްޕީއޭގެ އުސޫލާ ޚިލާފަށް ރަށަކަށްދިޔަ 2 މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި


އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާ ޚިލާފަށް މާލެއިން ފުރައިގެންގޮސް، ހަދަމުންދާ ރިސޯޓެއްގައި ތިބުމަށްފަހު ރ.އަލިގުއްޓަށް ދިޔަ 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޯށްފައިވަނީ ފުރަބަންދުތެރޭ މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅޭ ގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަނެތި، މާލެއިން ފުރައިގެންގޮސް، ހަދަމުންދާ ރިސޯޓެއްގައި ތިބުމަށްފަހު މި މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ރ. އަލިފުއްޓަށްދިއުމުން ކަމަށެވެ.

މި މައްސަލާފައި ހައްޔަރުކޮށްފައިވަނީ 47އ، އަދި 36އ ދިވެހި 2 ފިރިހެނުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ދެމީހުން ހައްޔަރުކޮށް ރ. އަލިފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އަދި މިމައްސަލައާއި ގުޅިގެން އެދެމީހުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މުއްދަތު މަޖުލީހުގައި އެދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތުދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މާލޭގައި ކޯވިޑް-19 ފެތުރެމުންދާތީ، އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް މާލެއިން ފުރައިގެން އެއްވެސް ރަށަކަށް ދިއުމަކީ މަނާ ކަމެކެވެ. އަދި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރުވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމެވެ. އެޗްޕީއޭއިން މި އުސޫލުތައް އާންމުކޮށްފައިވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުން މި ބަލިމަޑުކަމުން ރައްކާތެރި ކުރުމުގެ ގޮތުންނެވެ.