ޚަބަރު

ހޯރަފުށީ އެއަރޕޯޓްގައި ތާރު އަޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި


ހއ.ހޯރަފުށީ އެއަޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީއާއި ޙަވާލުކޮށްގެންނެވެ.

އެމްޓީސީން ވިދާޅުވީ މިމަޝްރޫޢުގެދަށުން މިހާރު ކުރިއަށްދަނީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ތާރުއެޅުމަށް ބޭނުންވާ ބޭސް ލޭޔަރތަކުގެ މަސައްކަތް ކުރިއަށްގެންގޮސް، މިހާރުވަނީ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައެވެ. މި މަސައްކަތަށް ބޭނުންވާ ކޮމްޕެޖްޓަރަރ، ޑަބަލް ޑްރަމް އަދި އެހެނިހެން ސާމާނުވަނީ ގެންގޮސްފައެވެ.

އެމްޓީސީސީން ބުނެފައިވަނީ ކޯވިޑް-19އާ ގުޅިގެން ތަކެތި ގެންދިއުމުގައި ދަތިތަށްހުރިނަމަވެސް، މި މަސައްކަތް ހުއްޓާނުލައި ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ. ތާރުއެޅުމުގެ މަސައްކަތާއެކު މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހަށް ނިމުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ހޯރަފުށި އެއަރޕޯޓްގައި ހަދަނީ 1200މީޓަރު ދިރު، 35މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭއާއި، ސަރވިސް މަގުތަކާއި، 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއް ހަދާނެއެވެ.

މިއީ ރާއްޖޭގެ އެންމެ އުރުތުގައު ތަރައްޤީކުރާ ޑޮމެންސްޓިކް އެއަރޕޯޓެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހޯރަފުށީ ފަޅުންވަނީ 84،2200 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.

ހޯރަފުށީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ 80%އަށްވުރެ ބޮޑު ބައެއް ނިމިފައިވާކަމަށް އެމްޓިސީސީން ބުނެއެވެ. ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. ހޯރަފުށްޓަކީ 3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.