ޚަބަރު

ކޯވިޑް-19 : ބަލިޖެހުނު މީހުންގެ ޢަދަދު އަނެއްކާވެސް 100އިން މައްޗަށް


ރާއްޖެއިން އިތުރު 143 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އަނެއްކާވެސް 100އިން މަތިން މީހުންގެ ޕޮޒިޓިވްވި ދުވަހަކަށް މިއަދު ވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 140 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 3 މީހެކެވެ. އެއީ މީގެތެރޭގައި ހިމެނެނީ 87 ދިވެހިންނާއި ބަންގްލަދޭޝްގެ 40 މީހަކާއި، އިންޑިއާ 10 މީހަކާއި ނޭޕާލްގެ 3 މީހަކާއި ސްރީ ލަންކާ 2 މީހަކާއި މިޞްރު މީހެކެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު 35 މީހަކު މިއަދުވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިހާރު ބަލިން ރަނގަޅުވި މީހުންގެ ޢަދަދަކީ 2884އެވެ. މިބަލި ޖެހިގެން މިއަދު ދިވެއްސަކު ނިޔާވެފައިވާއިރު، މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 21ވަނަ މީހާއެވެ.

މިމަސް ފެށުނުފަހުން ރާއްޖެއިން އެންމެ މަދުން ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވީ އިއްޔެއެވެ. އިއްޔެ 66 މީހުން ޕޮޒިޓިވްވިއިރު މިމަހުގެ ތެރޭގައި 215 މީހުން ޕޮޒިޓިވެ އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ދުވަހެއްގެ ގޮތުގައި ފާހަގަވީ މިމަހުގެ 2 ވަނަ ދުވަހުގައެވެ. ފަސް ހާސް ތިން ސަތޭކަ މީހުން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން 2942 ދިވެހިންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 154 ދުވަސްވީއިރު، މިހާރު އެންމެ ގިނައިން މިބަލި ޖެހިފައިވަނީ ޢުމުރުން 21 އަހަރާއި 30 އަހަރާ ދެމެދުގެ ޢުމުރުފުރާގެ މީހުންނަށެވެ. ނަމަވެސް ބަލިޖެހިގެން ފަރުވާދޭ ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ހާމަކުރައްވާފައެވެ.

ބައްޔަށް ޕޮޒިޓިވްވެ އައިސޮލޭޝަންގެ އިތުރުން ހޮސްޕިޓަލްތަކުގައި 2354 މީހުންނަށް ފަރުވާދެމުން ދެއެވެ. ބަލިޖެހިފައިވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް މިހާރުމިވަނީ އިތުރުވެފައެވެ. މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުރުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހުރި ކޯވިޑް-19އަށް ފަރުވާދޭ ތަންތަނުގައި 150 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މިބަލި ދެނެގަތުމަށް މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަލުން ނެގި ސާމްޕަލްތަކުގެ ޢަދަދުވަނީ 91903އަށް އަރާފައެވެ.