އިންޑިއާއަށް ބޭސް ފަރުވާއަށް ދިޔަ އިތުރު 2 ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ޕޮޒިޓިވްވެފައިވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިޔަ 2 ދިވެއްސެކެވެ. އާސަންދަ ކުންފުނިން މަޢުލުމާތު ދެއްވާގޮތުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެ ހޮސްޕިޓަލަށް ދިޔަ ދިވެހިންގެތެރެއިން ބަލިމީހަކާއި އެހެން ދިހެވި ބަލި މީހެއްގެ އެހީތެރިއެއްކަމަށެވެ.
މިދެ މީހުން އިންޑިއާ ފުރާފައިވަނީ މިދިޔަމަހުގެ 29ވަނަ ދުވަހުކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ.
ޕޮޒިޓިވްވި އެހީތެރިޔާއަކީ އޭނާގެ ހަވާލުގައިވާ ބަލިމީހާގެ ފަރުވާގެ ކަންކަން ނިމި މާލެ އަންނަންވެފައިވާ މީހެއްކަމަށާ، އެހެންނަމަވެސް އޭނާ ޕޮޒިޓިވްވުމުން އިތުރު 14 ދުވަހު އިންޑިއާގައި ކަރަންޓީނުގައި މަޑުކުރަން ވަނީ ޖެހިފައިކަމަށް އާސަންދައިން ވިދާޅުވެއެވެ. އަދި ޕޮޒިޓިވި ދިވެހި ބަލިމީހާގެ ބޭސްފަރުވާގެ ކަންކަން މެދުކެނޑުމެއްނެތި މިހާރުވެސް ކުރިއަށްދާކަމަށް އާސަންދައިން ވިދާޅުވެއެވެ.
މީގެ އިތުރުން މިދިޔަމަހުގެ 14ވަނަ ދުވަހު އަމްރީތާ ހޮސްޕިޓަލަށް ދިޔަ ދިވެހިންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 4 މީހުންގެ ތެރެއިން 3 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ. އަމްރީތާ ހޮސްޕިޓަލަށް ދިޔަ މީހުންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ ބަލި މީހަކާއި ތިން އެހީތެރިންނެވެ. އޭގެތެރެއިން ކޯވިޑް-19އިން ރަނގަޅުނުވަނީ ބަލިމީހެއްގެ އެހީތެރިއެކެވެ.