ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ފެސިލިޓީ ޤާއިމްކުރަން، ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ދީފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ޚިދުމަތް ދޭގޮތަށް، ލެވެލް2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފެސިލިޓީ ތަރައްޤީކުރަން އެތަނުގެ ކުރެހުންތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. ޕޯސްޓްމޯޓަމް ސެންޓަރު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، ސްކޭންތައް ވެސް ހަދަން ބޭނުންވާ ވަސީލަތްތަކާ އެކުގައެވެ.
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިއްޙީ ވަޒީރު ޤީލާ އަލީ ވިދާޅުވީ، ޕޯސްޓްމޯޓަމް ޚިދުމަތްދޭ މެޑިކަލް ޔުނިޓު މެދުވެރިކޮށް ލާއިންސާނީ އަނިޔާތަކާއި، ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމާއި، ޝަރުއީ އިންޝުއަރެންސްގެ ބޭނުމަށް މީހަކަށް ލިބޭ އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ޚިދުމަތް ވެސް ލިބޭނެ ކަމަށެވެ.
"މި ޔުނިޓު މެދުވެރިކޮށް ޝަރުއީގޮތުން ބަލަން ޖެހޭ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީކުރުން ހިމެނޭ." ވަޒީރު، ޤީލާ ޢަލީ ވިދާޅުވިއެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ދިނުމުގެ މައުލޫމާތު ޤާނޫނެއްގައި ބަޔާންކޮށްފައިވަނީ، 2015 ވަނަ އަހަރެވެ. އޭގެފަހުން އެކި ސަރުކާރުތައް އައި ނަމަވެސް އެ ޚިދުމަތް ޤާއިމްކުރަން މަސައްކަތްކޮށްފައިނުވާ ކަމަށާއި، އެއާއި ޚިލާފަށް މި ސަރުކާރުން ދަނީ އެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ރާއްޖޭގައި ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެ ޔުނިޓު އެކުލަވާލުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ޤަވާއިދު އެކުލަވާލާ، ގެޒެޓް ކުރާނެއެވެ. މިހާރު ޕޯސްޓްމޯޓަމް ހަދަން ޖެހެނީ، ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައިގެންނެވެ. ފާއިތުވި 10 އަހަރު ޕޯސްމޯޓަމް ހަދަން 23 ހަށިގަނޑު ފޮނުވާފައިވެއެވެ. އެ ޚިދުމަތް ހޯދަން މީހަކަށް 55،000 ރުފިޔާ ހޭދަވިއެވެ.