ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިއަދުވެސް 50އިން މަތީގައި


ރާއްޖެއިން ކޯވިޑް-19 މިއަދު ޕޮޒިޓިވްވި ދިވެހިންގެ އަދަދުވެސް ފަންސާހަށްވުރެ މަތިވެއްޖެއެވެ. މިއަދު ޖުމްލަ 86 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 56 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 27 މީހަކާއި ފިލިޕީންސްގެ މީހަކާއި އިންޑިއާ މީހަކާއި ސްރީލަންކާގެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި 86 މީހުންގެ ތެރެއިން 85 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވީ އެންމެ މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިހާތަނަށް ރާއްޖެއިން 4680 މީހުންނަށް ކޯވިޑް-19 ޖެހުނުއިރު ބަލިން ރަނގަޅުވެފައިވަނީ 2725 މީހުންނެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މިއަދު ބަލިން ރަނގަޅުވެފައިވަނީ 19 މީހުންނެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ރާޢްޖޭގައި މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވެސް މިހާރު ވަނީ ދެހާހާ ގާތް ކޮށްފައެވެ. އެގޮތުން މިހާރުވެސް 1936 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ވަނީ 100އަށްވުރެ އިތުރު ވެފައެވެ. އެގޮތުން މިހާރު 128 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 1391 މީހުން ތިބިއިރު، މިހާތަނަށް 85587 ސާމްޕަލް ނަގައި ކޮވިޑް-19އަށް ޓެސްޓް ކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19 ޖެހިގެން ރާޢްޖެއިން މިހާތަނަށް 19 މީހަކު ވަނީ ނިޔާވެފައެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުން ކޯވިޑް-19 ޖެހިފައިވާ މީހުން ފެންނަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއާއި ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ތިމާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ފަރުދީ ޒިންމާ އިސްކޮށް ކަމާ ގުޅުންހުރި ފަރާތްތަކުންދޭ ރައްކާތެރިކަމުގެ އިރުޝާދުތަކަށް ބޯލެނބުން ވަރަށް މުހިންމެވެ.