ޚަބަރު

މިހާތަނަށް 93 ފުލުހަކަށް ވަނީ ކޯވިޑް ޖެހިފައި


ކޯވިޑުން ރައްކާތެރިވުމަށް ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިހާތަނަށް 93 ފުލުހަކަށް ކޯވިޑަށް ފޮޒިޓިވްވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 93 ފުލުހަކަށް ކޯވިޑް ޖެހިފައިވާއިރު އޭގެތެރެއިން 56 މީހަކު އަދިވެސް އަންނަނީ ފަރުވާ ހޯދަމުން ކަމަށެވެ. އަދި ކޯވިޑުން ރައްކާތެރިވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގައި ފުލުހުންގެ ވަސީލަތްތަކާއި އެހީތެރިކަން ޤައުމަށް އަބަދުވެސް ލިބެމުން އަންނާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ކޯވިޑް ބަލިން ރައްކާތެރިވުމަށް ކުރީ ސަފުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މި މަސައްކަތުގައި އެހެނިހެން ގޮތްގޮތުން ބައިވެރިވާ ސިއްހީ ހިދުމަތްތެރިންވެސް ހިމެނޭކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް ބަލި މާލެއިން ފެނުމުން ފުރަބަންދުގައި ތިބުމަށްފަހު ދިން ލުއިތަކާއި އެކި މި ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެ ނުރައްކާ ބޮޑުވެފައެވެ. އެހެންކަމުން ދީފައިވާ ލުއިތަކަށް މިހާރުވަނީ ބައެއް ބަދަލުތައް ގެނެސް ހަރުކަށިކޮށްފައެވެ. މިގޮތުން މާސްކު އެޅުން މަޖްބޫރުކުރުމާއި ރޭގަނޑު 10 އެއްގެ ފަހުން މާލެ ސަރަހައްދުގައި މީހުން ނުކުމެ އުޅުން މަނާކުރުމާއި މާލެއަށް އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއް ގައިވެސް މާސްކް އަޅައިގެން އާއްމު ތަންތަނަށް މީހުން ނުކުތުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުަރައްވާފައެވެ.