މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއިން ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ސަބްލީސް ކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްޤެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. އެމްޓީޑީސީއިން ވިދާޅުވީ، އެފަދަ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ.
ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅި މި 3 ރަށަކީ، ދިވެހި ސަރުކާރާއި އެމްޓީޑީސީއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް އެމްޓީޑީސީއިން ކުއްޔަށް ހިފާފައިވާ 3 ރަށެވެ. އަދި މި 3 ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހައި ހައްޤުތަކުގެ މިލްކުވެރި ފަރާތަކީ، އެމްޓީޑީސީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީޑީސީގެ އެއްވެސް ހަރުމުދަލެއްގެ ހެޑްލީސް ނުވަތަ ހެޑްލީސްއާއި ގުޅުންހުރި ހައްޤުގެ އެއްވެސް މިންވަރެއް ވިއްކުމަށް އެހެން ފަރާތަކަށް ދޫކޮށްލުމަށް ނުވަތަ މިނޫންވެސް މިފަދަ އެހެން މުއާމަލާތެއް މެދުވެރިކޮށް އެ ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްޤު ނުވަތަ މަސްލަހަތު ސީދާގޮތުން ނުވަތަ ނުސީދާ ގޮތުންވެސް ގެއްލޭފަދަ ނުވަތަ ހަނިވާފަދަ އެއްވެސް ނިންމުމެއް އެ ކުންފުނިން ނިންމާފައި ނުވާކަމަށް ވަނީ ބުނެފައެވެ.
އަދި ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅިއާއި ގުޅުންހުރި އެއްވެސް ހައްޤެއް ވިއްކާލުމުގެ ނުވަތަ ދޫކޮށްލުމުގެ ނުވަތަ އެފަދަ ހައްޤަކަށް ނޭދެވޭ އަސަރުކުރާ ފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއިއެކު ކުރިއަށް ނުދާކަމުގެ ޔަޤީންކަން އެ ކުންފުނީގެ ހިއްސާދާރުންނަށް ވަނީ އަރުވާފައެވެ.
އެމްޓީޑީސީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބަޔާންކޮށް، މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރުވަމުންދާ ވާހަކަތަކަކީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން ވިދާޅުވީ، ކުރިމަގުގައިވެސް ކަމާގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި ލިސްޓިން ރޫލްސްގައި ބަޔާންކުރާ ފަދައިން ހާމަކުރަންޖެހޭ އެންމެހައި މުއާމަލާތްތަކާއި ކަންކަން އެ ކުންފުނިން ރަސްމީކޮށް އަންގައި ހާމަކުރަމުންދާ ކަމަށެވެ.