ޚަބަރު

ޔަހޫދީންގެ ނުރައްކާ ހުޅަނގު އައްސޭރީގެ ގިނަ އަވަށްތަކަށް


އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ނިރުބަވެރިން ދިން ނުރައްކާތެރި ހަމަލާތަކެއްގައި ފަލަސްޠީނުގެ 2 މީހަކު ޒަހަމްވެފައިވާއިރު، ޔަހޫދީ ސިފައިން ވަނީ ރަމާﷲ އާއި ނަބްލުސް ކައިރީގައިވާ އަވަށްތަކަށް ވަދެގަނެ އިތުރު ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ.

ފަލަސްޠީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި ޒަހަމްވި ދެ މީހުނަށް ހަމަލާދީފައިވަނީ ހެބްރޮން ގެ އުތުރުހުޅަނގުގައިވާ ބައިތު އޫލާގެ ބޭރުންނެވެ. އެ ދެ މީހުންނަށް ހަމަލާދީފައިވަނީ ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ކަމަށް ވޮއިސް އޮފް ފަލަސްޠީން ރޭޑިއޯއިން ވަނީ ހާމަކޮށްފައެވެ.

ނަބްލުސްގެ ދެކުނުގައިވާ ބެއިތާ އަވަށުގައި، ނިރުބަވެރި ޔަހޫދީ ވަޒަންވެރިންގެ ބައިގަނޑަކުން ވަނީ ފަލަސްޠީނު އާއިލާއަކަށް އުދަގޫކުރުމުގެ ނިޔަތުގައި އެމީހުން ދިރިއުޅޭ ގެ ކައިރިއަށް ކުނި އަޅާފައެވެ.

ވޮއިސް އޮފް ފަލަސްޠީން ރޭޑިއޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީ ސިފައިން ވަނީ ޔަހޫދީ ވަޒަންވެރިންނާ ގުޅިގެން ރަމާﷲ ގެ އަލްޠީރާ އަވަށުގެ ބޭރުގެ ސަރަޙައްދުތަކަށްވެސް ވަދެގަނެފައެވެ.

މީގެ އިތުރުން، ސަރަހައްދީ މަސްދަރުތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފިތުނަވެރި ޔަހޫދީ ސިފައިންގެ އެހީގައި، އަސްކަރީ ބުލްޑޯޒަރަކާއެކު ނަބްލުސްގެ އިރުމަތީގައިވާ ސާލިމް އަވަށަށްވެސް ވަނީ ވަދެގަނެފައެވެ.

ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނުގެ 3 ރައްޔިތުން ރަހީނުކޮށްގެން ގެންގޮސް އެމީހުން ލައްވައި ގަދަކަމުން މަސައްކަތްކުރުވާފައެވެ. އަދި މީގެ އިތުރުން، އެ ސަރަޙައްދުން ފޭބުމުގެ ކުރިން، ޔާމިން އަޠުވީ ނަމަކަށް ކިޔާ އިތުރު ފަލަސްޠީނު ރައްޔިތަކު ހައްޔަރުކޮށްފައެވެ.

ފަލަސްޠީނުގެ ރަސްމީ ނިއުސް އޭޖެންސީ ވަފާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިން ވަނީ ބައިތު ލާމްގެ ދެކުނުއިރުމަތީގައިވާ އަބޫ ނުޖައިމް އަވަށަށް ވަދެ، އެކި އަވަށްތަކަށާއި މައި މަގުމައްޗަށް އެއްވެފައެވެ. މިއާއެކު އިތުރު ޙަމަލާތަކެއް ދީފާނެކަމުގެ ބިރު އެ އަވަށުގެ ރައްޔިތުންގެ މެދުގައި ވަނީ އުފެދިފައެވެ.

މީގެ އިތުރުން ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްޠީނު ރައްޔިތުންގެ ގޭގެއަށާއި އުޅަނދުފަހަރަށް ގެއްލުންދީ، ރަމާﷲ ކައިރީގައިވާ ޣަރަބާ، ސިންޖިލް، ކަފްރ މާލިކް، ދައިރު ޖަރީރު، ޠައްޔިބާ، ޔަބްރޫދް އަދި ބައިތިއްލޫ ސަރަޙައްދުތަކަށް ގަދަކަމުން ވަދެގަނެފައެވެ.

އޮކްޓޫބަރު 2023 ގައި ޔަހޫދީން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އަސްކަރިއްޔާއިން ވަދެގަންނަ ވަދެގަތުންތަކާއި ނިރުބަވެރި ޣައިރުޤާނޫނީ ވަޒަންވެރިން ދޭ ޙަމަލާތައް ވަނީ ވަރަށް ދިގުލައިގެންގޮސްފައިއެވެ. މި ޢުދުވާންތަކުގެ ތެރޭގައި މީހުން ޝަހީދުކުރުމާއި، ހައްޔަރުކުރުމާއި، އާންމުން ދިރިއުޅޭ ގެތަށް ސުންނާފަތިކުރުން ފަދަ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހިމެނެއެވެ.

ފަލަސްޠީނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިން 1،182 އަށްވުރެ ގިނަ ފަލަސްޠީނުން ޝަހީދުކޮއްލާ، 13،000 އާ ގާތްކުރާ އަދަދަކަށް މީހުން ޒަޚަމްވެ، އަދި 24،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ހައްޔަރުކޮށްފައެވެ.