އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތާއި ގުޅިގެން މުދާ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓު 1 ގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އެމްޓީސީސީއިން ވިދާޅުވީ އަމީނީމަގުގެ ސެގްމަންޓު 1 މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ މިއަދުން ފެށިގެން އެ މަސައްކަތް އެއްކޮށް ނިމެންދެން ގްރޭޓާރ މާލެ ސަރަހައްދުގައި އެ ކުންފުނިން ފޯރުކޮށްދެމުން ގެންދާ މުދާ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މީގެއިތުރުން މަރާމާތުގެ މަސައްކަތަށް އަމީނީމަގުގެ ބައެއް ބަންދުކުރުމާއި ގުޅިގެން ބަސް ދަތުރުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލާއި ގުޅިގެން އަމީނީމަގު މަރާމާތުކުރުމުގެ ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ދެން ރޫޓް-10ގެ ބަސްތައް މަޑެއް ނުކުރާނެއެވެ.