ޚަބަރު

ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމްޖެންސީ ސެންޓަރުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ އިނގިރޭސި ވިލާތުން އެނބުރި ރާއްޖެއަށްއައި 38 އަހަރުގެ ދިވެއްސެއްކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އިނގިރޭސި ވިލާތުންއައި މިމީހާ މިހާރު ކަރަންޓީންކޮށްފައިވާކަމަށާ، އޭނާ ކަރަންޓީނަށްލީ މިމަހު 22ވަނަ ދުވަހުކަމަށެވެ. އޭނާ ކޯވިޑް-19އަށް ޓެސްޓްކުރީ މިމަހުގެ 25 ވަނަ ދުވަހުކަމަށާ، އޭނާ ޕޮޒިޓިވްވީކަން ކަށަވަރުވީ މިމަހުގެ 27 ވަނަދުވަހުކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިޙާލަތުގައި އެންމެހައި ދިވެހި ރައްޔިތުންވެސް ކަމާބެހޭ ފަރާތްތަކާއި ޞިއްޙީ މާހިރުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަން ދެއްވައި ގޭގައި މަޑުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ. ކޯވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތަކީ މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަ ފިޔަވަޅުތަކެއްކަމަށާ، މިކަމަށް އެއްބާރުލުން ދިނުމަށް އެންމެހައި ރައްޔިތުންނަށް މިނިސްޓަރ އަމީން އިލްތިމާސްކުރެއްވިއެވެ.

މިމީހާއެކު ކޯވިޑް-19 ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 14އަށް އަރާފައެވެ. ނަމަވެސް މިއީ ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވީކަން ރަސްމީކޮށް ޔަޤީންކުރެވުނު ފުރަތަމަ ފަހަރެވެ. ޔޫއޭއީގައި ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުގައި ޝާޢިއުކޮށްފައި ވީނަމަވެސް އެކަން އަދި މިހާތަނަށް ރަސްމީ އިދާރާތަކުން ކަށަވަރުވެފައި ނުވެއެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 14 މީހެއް

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • ސަފާރީއަކުން 2 މީހުން
  • އަނަންތަރަ ދިގު މޯލްޑިވްސްއިން 2 މީހުން
  • އިގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސެއް

މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 5 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 9 މީހެކެވެ. ބަލިން ރަނގަޅުވި 9 މީހުންވަނީ 30 ދުވަހުގެ ކަރަންޓީންނަށް ގެންދެވިފައެވެ.