ޚަބަރު

ކޯވިޑް-19 : ރަޝިއާއިން ޓެސްޓްކުރި ދިވެހި 3 ކުދިންގެ ތެރެއިން 2 ކުދިންގެ ނަތީޖާ ނެގެޓިވް


ކޯވިޑް-19އަށް ރަޝިއާއިން ޓެސްޓު ކުރަމުންދާ ދިވެހި 3 ދަރިވަރުންގެ ތެރެއިން 2 ދަރިވަރުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތު ހާމަކޮށްދެއްވަމުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް ޢަޒީޒު ވިދާޅުވީ ރަޝިއާގައި ތިބި ދިވެހި ދަރުވަރުގެ ތެރެއިން 3 ދަރިވަރެއްގެ ކިބައިން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތް ހުރެގެން ޓެސްޓް ކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން 2 ދަރިވަރުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު އަނެއްކުއްޖާގެ ނަތީޖާ އަދި ލިބިފައިނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ މިކުދިންގެ ޙާލު ވަރަށް ގާތުން ފޮރިން މިނިސްޓްރީން ބައްލަވަމުންދާކަމަށާ، އަދި މިހާރު މި 3 ކުދިންގެ ކަރަންޓީންގެ މުއްދަތުވެސް 10 ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ. މިބައްދަލުވުމުގައި މަބުރޫކްވަނީ ރާއްޖޭގައި ކޯވިޑް 19 އަށް ޚާއްސަކުރެވިގެން ގާއިމްކޮށްފައިވާ ކްލިނިކްތަކަށް ދައްކާފައިވާ މީހުންގެ ތަފްސީލްވެސް ހާމަކުރައްވާފައެވެ.

ކްލިނިކްތަކުގެ އެންމެފަހުގެ އަޕްޑޭޓް

  • ފުލޫކްލިނިކް ސެނެހިޔާއަށް ދައްކާފައިވަނީ 1020 މީހުން
  • ޓްރެވަލް ކްލިނިކަށް ދައްކާފައިވަނީ 298
  • ހުޅުމާލޭގައި ބިދޭސީންނަށް ޚާއްސަ ކޮށްފައިވާ ކްލިނިކަށް ދައްކާފައިވަނީ 113

މިބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ ކޯވިޑް-19އަށް ރާއްޖެއިން ވެފައިވާ ތައްޔާރީތަކުގެ ތެރެއިންނާއި އަދި މިކަމުގެ މަޢުލޫމާތާއި ޓްރެނިން ދިނުމަށް 95329 މީހުންނަށް ޓްރެނިން ދީފައިވާކަމަށެވެ. އަދި މިހާތަނަށް 10000 މީހުން ކޯލްސެންޓަރަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވާކަމަށާ، މިހާތަނަށް ރާއްޖޭގެ އެކި ޕޯޓްތަކުން ދުއިސަތަ ސާޅިސްހާސް އަށްސަތޭކަ ތޭވީސް މީހުން އެކި ޕޯޓްތަކުން ސްކްރީން ކޮށްފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މީގެ ތެރެއިން 106 މީހަކު ރާއްޖެއަށް އެތެރެވުމަށް ހުއްދަ ނުދީ ފޮނުވާލިކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައިތިބި ގިނަ ދިވެހިން ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އަންނަމުންދާކަމަށާ، އެގޮތުން މިމަހުގެ 19ވަނަ ދުވަހު 97 މީހަކު ރާއްޖެއަށް އައިސްފައިވާކަމަށެވެ.