ޚަބަރު

މެމްބަރުންގެ މުސާރައިން %20 އުނިކުރުމަށް ފާސްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %20 އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލިސް މެމްބަރުންގެ މުސާރައިން %20 އުނިކޮށްދިނުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކޮށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މިހުށަހެޅުމާއި އެއްގޮތަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވަނީ މިމައްސަލާގައި ކޮމީޓީގައި މަޝްވަރާކޮށް، މެމްބަރުންގެ މުސާރަ ކުޑަކުރުމަށް ހުށަހެޅި މިންވަރަށް ކުޑަކުރުމަށް ކޮމިޓީން ފާސްކޮށް ތަޅުމަށް ރިޕޯޓް ފޮނުވާފައެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ރިޕޯޓަށް ވޯޓަށް އެހުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 74 މެމްބަރުންގެ ވޯޓާއިއެކު މެމްބަރުންގެ މުސާރައިން %20 އުނިކުރުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިންވެސް %20 އުނިކުރަން ފާސްކުރައްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުންފުނިތަކާއި ބޯޑުތަކާއި މިނިވަން މުވައްސަސާތަކުގައި ތިއްބެވި ބޭފުޅުންނެވެ.

މެމްބަރުންގެ މުސާރަ ކުޑަކުރުމަށް ހުށަހަޅުއްވާފައި ވަނީ ޞިއްޙީ ގޮތުން ދިމާވެފައިވާ ގޮޖެހުންތަކާއިއެކު އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަންނާތީ އެކަމަށް ރިިޢާޔަތްކުރުމަށްފަހު ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވިއެވެ. މެމްބަރުންގެ މުސާރައިން %20 ކުޑަކުރާނަމަ ކޮންމެ މަހަކު ދައުލަތަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، މަޖިލީހުގެ މެމްބަރެއްގެ އަސާސީ މުސާރަ އަކީ މަހަކު 42،500 ރުފިޔާއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހުށަހަޅުއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މަހަކު ހިނގާ ޚަރަދުތަކުގެތެރެއިން މަހަކު 19.3 މިލިޔަން ރުފިޔާ ކުޑަކޮށްދިނުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ. މިއާކު މަޖިލީހުން އިއްޔެވަނީ މަޖިލިސް މެމްބަރުންގެ ކޮއްތުވެސް ކަނޑާލުމަށް ނިންމަވާފައެވެ.