މުޅި ދުނިޔޭގައި މިވަގުތު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އިން ދުނިޔެ ސަލާމަތް ކުރުމުގެ އެންމެ ބޮޑު ޤުރުބާނީއެއް ވަމުންދަނީ ޞީއްޙީ ޚިދުމަތްތެރިންނެވެ. ފަސޭހައިން ގައިންގަޔަށް އަރާބައްޔެއްގެ ގޮތުގައި މިބަލި ފާހަގަކުރެވިފައިވާއިރު ބައްޔާދެކޮޅަށް މުޅިދުނިޔެ ކުރަމުންދާ ހަގުރާމާގައި މިހާތަނަށް އަދި މިބައްޔަށް ފަރުވާއެއް ހޯދިފައިނުވެއެވެ.
ކޯވިޑް-19ގެ ނުރައްކާތެރިކަމާ ބަލި ފެތުރެމުންދާ ނިސްބަތް އިތުރުވަމުންދާދިއުމާ އެކުވެސް މިބައްޔާ ކުރިމަތިލައި، ބަލިން ރައްކާތެރިވުމަށް އެންމެބޮޑު ޤުރުބާނީއެއްވަމުންދަނީ ޞިއްޙީ ޚިދުމަތްތެރިންނެވެ. ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި ފުރާނަ އަތްމައްޗަށް ލައިގެން އެބޭފުޅުން އެދެއްވަމުންދާ ޚިދުމަތްތަކަކީ ޝުކުރު ހައްގު ހިދުމަތްތަކެކެވެ.
ޞިއްޙީ ޚިދުމަތްތެރިން މިއަދު ކުރިމަތިލާފައިވާ ބުރަ އަދި ނުރައްކާތެރި ހަނގުރާމާގައި އެފަރާތްތަކުން ބަދަލުގައި އެދެނީ ބޮޑެތި އިނާޔަތްތަކާއި ހަދިޔާތަކަކަށްނޫނެވެ. އެފަރާތްތަކުގެ އާދޭހަކީ ޢާންމު ފަރުދީ ޒިންމާ އަދާކުރުމެވެ. ޢާންމު ސާފުތާހިރުކަން އިތުރުކުރުމެވެ. ޞިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވުމެވެ. ރައްޔިތުންނަށް މިއަދު އެބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެވޭނީ މިކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެންނެވެ.
ޞިއްޙީގޮތުން މުޅި ދުނިޔެއަށް ދިމާވެފައިވާ ހިތްދަތި މި ދަނޑިވަޅުގައި ޞިއްޙީ ޚިދުމަތްތެރިގެ ލަފަޔާއި އިރުޝާދަށް ކޮންމެ ރައްޔިތަކުވެސް ހެޔޮހިތުން ބަލައިގަންނަޖެހެއެވެ. އެފަރާތްތަކުން ކުރައްވާ ކޮންމެ އިލްތިމާސަކީ އަދި އެދޭ ކޮންމެ އެދުމަކީ މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެދޭ އެދުމެކެވެ.
ރާއްޖޭގައިވެސް މިބަލީގައި ކަންކަން ކުރެވެމުންދަނީ ދުނިޔޭގައި މިބަލި އޮތް އެހެން ޤައުމުތަކުގައިވެސް ކަންކުރަމުންދާ އުސޫލުންނެވެ. ބަލިން ރައްކާތެރިވުމަށް އަޅަމުންދަނީ އެއްފިޔަވަޅުތަކެކެވެ. ދެމުންދަނީ އެއް އިރުޝާދުތަކެކެވެ. ސާފުތާހިރުކަމަށާއި، މިދުވަސްވަރު ތަންތަނަށް އެއްވެ ނޫޅުމަށާއި، ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ދަނީ އިރުޝާދުދެމުންނެވެ.
ރާއްޖޭގައި މިއޮތް ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޞިއްޚީ މާހިރުންގެ ލަފަޔާއިއެކު މިމަހުގެ 19 އިން 26 އަށް ސަރުކާރުން ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މިނިންމުމާއެކު ރައްޔިތުންނަށްނަށް ސަރުކާރުންވެސް ޞިއްޙީ މާހިރުންވެސް ދެއްވާ ލަފަޔާއި އިރުޝާދަކީ މިދުވަސްވަރު ގެއިން ނުނިކުތުމެވެ. އަމިއްލަ ސާފުތާހިރުކަން އިސްކުރުމެވެ. ދަތުރުނުކުރުމެވެ. ގިނަގިނައިން އަތްދޮވުމެވެ.
ޞިއްޚީގޮތުން ދުނިޔެއަށް ކުރިމަތިވާ ތަފާތުއެކި ބަލިމަޑުކަމުގައިވެސް ރާއްޖެއިންވަނީ ނަމޫނާދައްކާފައެވެ. އާބާދީއާއި ވާސީލަތްތަކުގެ ގޮތުން ކިތަންމެ ބޮޑު ގޮންޖެހެންތަކެއް ހުއްޓަސް ހިތްވަރާއެކު ކުރިމަތިލައި ކާމިޔާބީއާ ހަމަޔަށް ވާސިލްވާތަން ވަނީ ދައްކާފައެވެ.
މިދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުން މީގެކުރިންވެސް ދެއްކިފަދަ އެއްބައިވަންތަ ކަމުގެ ނަމޫނާ ދައްކައިފިނަމަ މިކަންމުންވެސް އަޅުގަނޑުމެންނަށް ސަލާމަންވެވޭނެއެވެ. އަދި މިކަމުގައި ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވާ ޞިއްޙީ ޙިދުމަތްތެރިންނަށްވެސް ދެވެން އޮތް އެންމެބޮޑު ހަދިޔާއަކީ އެބޭފުޅުންގެ ނަސޭހަތާއި އިރުޝާދުތަކަށް ތަބާވުމެވެ.