އުމްރާއިން އަންނަ ފަރާތްތައް ސްކްރީންކުރުމަށްފަހު ރޫމް އައިސޮލޭޝަނަށް ދޫކޮއްލުމަށް ނިންމާފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިކަން ހާމަކުރައްވާފައިވާއިރު، ރާއްޖެއިން ޢުމްރާއަށް ގޮސްތިބި މީހުން މިއަދުވަނީ ރާއްޖެއަންނަން ފަށާފައެވެ.
ކޯވިޑް-19ގެ މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، އުމްރާވެރިންގެ ޙާލަތު އެ ސެންޓަރުން ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން އުމްރާގެ އަޅުކަމުގައި ސައުދީ އަރަބިއްޔާގައި ތިބޭއިރުވެސް އުމްރާ ގްރޫޕްތަކާއި ގުޅައިގެން ޑޮކްޓަރުން މެދުވެރިކޮށް އެފަރާތްތަކުގެ ޙާލަތު ބަލަމުންދާކަމަށެވެ.
އުމްރާވެރިން ރާއްޖެ އައުމަށްފަހު އެއަރޕޯޓްގައި ސްކްރީންކުރުމަށް ނިންމާފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި އުމުރާވެރިން ދަތުރަށްފަހު ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ފަރުވާ ހޯދާނީ މާލެ ހިޔާ 2 ގެ ފަހަތުގައި ޤާއިމުކޮށްފައިވާ ޓްރެވަލް ކްލިނިކުން ކަމަށާއި، އުމްރާވެރިންގެ އާއިލާގެ މެމްބަރެއްގެ ފަރާތުންވެސް މިފަދަ އަލާމާތެއް ފެނިއްޖެނަމަ ފަރުވާ ހޯދާނީ މިކްލިނިކުންކަމަށް މަބްރޫކް ވިދާޅުވިއެވެ. ޓްރެވަލް ކްލިނިކަކީ ދަތުރުކުރުމަށްފަހު ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިއްޖެނަމަ ފަރުވާ ހޯދުމަށް ޤާއިމްކޮށްފައިވާ ކްލިނިކެކެވެ.
"އަޅުގަނޑުމެން މިކަމުގެ ކޭސް ފެންނަ ޤައުމުތަކުން އަންނަ ފަރާތްތައް ކަރަންޓީންކުރާނަން. އެގޮތުން ރޫމް އައިސޮލޭޝަން އަދި ކަރަންޓީންކުރުންވެސް ހުންނާނެ. މި ވަސީލަތްތައް ސިވިއަރިޓީއަށް ބެލުމަށްފަހު އަމަލުކުރާނީ. އުމުރާވެރިންވެސް މިފަދަ އަލާމާތެއް ފެނުމުން ފަރުވާ ހޯދާނީ މި ކްލިނިކުން. އުމްރާވެރިންގެ އާއިލާގެ މެމްބަރެއްގެ ފަރާތުންވެސް މިފަދަ އަލާމާތެއް ފެނިއްޖެނަމަ ފަރުވާ ހޯދާނީ ޓްރެވަލް ކްލިނިކުން." މަބްރޫކް ވިދާޅުވިއެވެ.
މައްކާގާއި ޢުމްރާކުރުމަށް ގޮސްތިބި ފަރާތްތަކުގެ ތެރެއިން ނަވާ ގުރޫޕްގެ ޙަވާލުގައި ޢުމްރާއަށް ގޮސްތިބި މީހުން އުމްރާގެ އަޅުކަން އަދާކުރުމަށްފަހު މިއަދު ހެނދުނު އެގާރަގަޑި ބައި ހާއިރުވަނީ ރާއްޖެ އައިސްފައެވެ. ޢުމްރާވެރިން ރާއްޖެ އަންނަން ފަށާފައިވަނީ ކޯވިޑް- 19އާ ގުޅިގެން ސަޢުދީއަރަބިއްޔާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައިއެވެ. ރޭގެ ވަގުތެއްގައި، މާތްވެގެންވާ މައްކާއިންވެސް ވަނީ ކޯވިޑް- 19ގެ ކޭސްއެއް ފެނިފައެވެ.