ޚަބަރު

ކޯވިޑް-19: ކުރެއްދޫއިން އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ


ކުރެއްދޫއިން އިތުރު 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 6ށް އަރާފައެވެ.

ކުރެއްދޫން އަލަށް ޕޮޒިޓިވް މީހުންނަކީ ބިދޭސީންކަމަށް އެޗްޕީއޭއއިން ވިދާޅުވެއެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު ހަޔަކަށް އަރާފައިވާއިރު މީގެތެރެއިން 4 މީހުންނަކީ ކުރެއްދޫ މީހުންނެވެ. އަނެއް ދެ މީހުންނަކީ ބަތަލާ އައިލެންޑް ރިސޯޓްގެ ބައެކެވެ.

ކޯވިޑް-19 ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން މަބްރޫކް އަޒީޒް ވިދާޅުވީ ކުރެއްދޫ ރިސޯޓުން 90 މީހުން އެކަހެރިކޮށްފައިވާކަމަށެވެ. އޭގެތެރެއިން 69 މީހުން ބައިތިއްބާފައިވަނީ ކުރެއްދޫ ރިސޯޓްގައެވެ. އަނެއް 25 މީހުން އެމީހުން ތިބި ތަނެއްގައި އެކަހެރިވެގެން ތިބުމަށް އަންގާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އަށް މިހާތަނަށް 63 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް ފޯކައިދޫން 8 މީހުން ގޭގައި އެކަހެރިކޮށް އެރަށުން އެކަކު ފަރުކޮލޫފުއްޓަށް ގެނެސް ޓެސްޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކުރެއްދޫ ރިސޯޓުން ފުރައިގެން ދިޔަ އިޓަލީ ފަތުރުވެރިޔާ އެނބުރި ޤައުމަށް ދިޔުމުގެ ކުރިން މާލޭ ދެ ސަރަހައްދަކަށް ގޮސްފައިވާކަން އެނގިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. ކޯވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ސްޕޯކްސް ޕާސަން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، އޭނާ މާލޭގައި މަޑުކޮށްފައިވަނީ އެއާޕޯޓަށް ފުރަން ގޮސް ނުފުރިގެންކަމަށެވެ. އިޓަލީގެ މި ފަތުރުވެރިޔާ ހުން އައިސް ކޯވިޑް-19ގެ އަލާމަތްތައް ފެނުމުން އެ ރިސޯޓްގެ ޑޮކްޓަރަށް ދައްކާފައިވާކަން ކޮންޓެކްޓް ޓްރޭސިންގް އިން ހާމަވެފައިވާކަމަށެވެ. އަދި އޭނާ އެނބުރި ޤައުމަށް ދާން މާލެ އައިސް މާގިރި ހޮޓަލަށާއި ޔުނިވަރސަލްގެ ޓިކެޓިން އޮފީހަށް ގޮސްފައިވާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭއިން ކޯވިޑް 19 އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ ރިސޯޓްވަނީ މީހުން އަރާ ނުފޭބޭ ގޮތަށް ކަރަންޓީނުކޮށްފައި. އެ ރިސޯޓްގައި 699 ފަތުރުވެރިންނާއި 270 ދިވެހި މުވައްޒަފުންގެ އިތުރުން އެކި މަސައްކަތަށް ގޮސްތިބި 470 ބިދޭސީން އެރަށުގައި މިވަގުތު އެބަތިބި.
*