ކޯވިޑް-19ގެ ނުރައްކާ އެންމެ ބޮޑީ ދޮށީ ޢުމުރުގެ މީހުންނަށްކަމުން އެ މީހުންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ޢައިލާގެ ތެރެއިން ދިނުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައިފިއެވެ.
ކޯވިޑް-19އަށް ރާއްޖޭގައި 2 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރަމުގައި ވާހަކަފުޅުދައްކަވަމުން އޭޑިކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ ޑރ.ޢަބްދުﷲ ނިޔާފް ވިދާޅުވީ ކޯވިޑް-19، ބޮޑަށް ފެތުރިފައިވާ ޤައުމުތަކުގެ ބަލީގެ ހިސްޓްރީއަށް ބަލާއިރު ބަލީގެ ނުރައްކާ ބޮޑަށް ކުރަނީ ދޮށީ ޢުމުރުގެ މީހުންނަށްކަމަށެވެ. އެހެންކަމުން މިދުވަސްވަރު ދޮށީ ޢުމުރުގެ މީހުންގެ ރައްކާތެރިކަމަށް ޢާއިލާތެރޭގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ.ޢަބްދުﷲ ނިޔާފްވަނީ އިލްތިމާސްކުރައްވާފައެވެ.
ޢުމުރުން ދުވަސްވުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށި ވުމުގެ އިތުރުން އެކި ބާވަތުގެ ބަލިތައް ތަޙައްމަލުކުރަން ޖެހުމަކީ ވައިރަސްގެ ނުރައްކާ ދޮށީ އުމުރުގެ މީހުނަށް ބޮޑުވާ ސަބަބެކެވެ.
އެގޮތުން ފުއްޕަމޭގެ އެކި ބަލިތަކާއި ނޭވާލާ ނިޒާމުގެ އެކި ބަލިތަކާއި ހަކުރު ބަލީގެ އިތުރުންވެސް ދިގުމުއްދަތަށް ބޭސް ބޭނުންކުރަންޖެހޭފަދަ ބަލިތަކުގައި ތިބޭ މީހުންނަށް ކޯވިޑް-19ގެ ނުރައްކާ ބޮޑުކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ޑރ.ޢަބްދުﷲ ނިޔާފް ވިދާޅުވީ މިވައިރަހަކީ އަދިވެސް އޭގެ ހަގީގަތް އެއްކޮށް ނޭނގޭ ވައިރަހަކަށްވުމުން ބަލީގެ ނުރައްކާ އޮތްމީހުން ކަނޑައެޅިގެން ނޭނގޭކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ހުރިހާ ފަރާތަކުންވެސް ސަމާލުކަން ދޭންޖެހޭކަމަށެވެ. އެހެންނަމަވެސް ބަލި ފެތުރިފައިވާ ޤައުމުތަކުގެ ބަލީގެ ހިސްޓްރީއަށް ބަލާއިރު މިބަލީގެ ސަބަބުން މިހާތަނަށް ފުރާނައަށް ނުރައްކާވާ ހިސާބައް ގޮސްފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.