ޚަބަރު

ސައުތް އޭޝިއާ ސެޓެލައިޓް މެދުވެރިކޮށް ރާއްޖޭގެ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާ ވަރޗުއަލް ކުރަނީ


ސައުތް އޭޝިއާ ސެޓެލައިޓް މެދުވެރިކޮށް ރާއްޖޭގެ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ޓެކްނޮލޮޖީގެ ފަސޭހަތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅަކީ، ރާއްޖެއާއި އިންޑިއާގެ ގުޅުމުގައި އައު އުސްމިންތަކެއް ޙާސިލކުރަމުންދާ ދުވަސްތަކެއްކަމަށް ސަފީރު ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖެއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަމުންދާއިރު، އިންފޯމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކީވެސް ފާހަގަކޮށްލެވޭ ދާއިރާއެކެވެ. އެގޮތުން އިންޑިއާއަކީ ދުނިޔޭގައި ބަސްވިކޭ ޤައުމަކަށްވާއިރު، މި ދާއިރާއިން ރާއްޖެއާއި ގުޅުން ބަދަހިވެގެން ދިއުމަކީ ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމެވެ.
އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވަނީ، އިންޑިއާގެ ސައުތް އޭޝިއާ ސެޓެލައިޓް މެދުވެރިކޮށް ރާއްޖޭގެ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ޓެކްނޮލޮޖީގެ ފަސޭހަތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ ސްކޫލްތަކުގެ ކްލާސް ރޫމްތައް ވަރޗުއަލްކޮށް ގުޅާލުމާއި ޓެލެމެޑިސިންގެ ދާއިރާ ފުޅާކުރުމަށް މި ސެޓެލައިޓްގެ ބޭނުން ހިފުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން މަސައްކަތްކުރައްވަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ.

"އިންޑިއާއަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ޗެމްޕިއަންއެއް. އެގޮތުން ޗަންދްރިއާން ސެޓެލައިޓްފަދަ ސެޓެލައިޓްތަކަކީ މިކަމުގެ އަލިގަދަ ހެއްކެއް. އަލަށް ވެވުނު އެއްބަސްވުމުގެ ދަށުން އިންޑިއާގެ ސައުތް އޭޝިއާ ސެޓެލައިޓް މެދުވެރިކޮށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުން މިދަނީ. އެގޮތުން ޓެލެމެޑިސިންއާއި، ތަޢުލީމީ ދާއިރާ ވަރޗުއަލް ކުރުމަށް ބޮޑު އެހީއެއް މި ސެޓެލައިޓުން ފޯރުކޮށްދޭނެ." ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

ސައުތް އޭޝިއާ ސެޓެލައިޓުގެ އެހީއާއެކު މިހާރުވެސް ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުންވެސް، އިންޑިއާއާއި ރާއްޖެ ގުޅިގެން ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ސިއްޙީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއާއި ޑިފެންސްގެ ދާއިރާއިން ދެޤައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.