ޚަބަރު

ލިބޭ ޢާމްދަނީއާއި ކުރާ ޚަރަދުތަކާ ގުޅޭ ސަރވޭއެއް ކުރަނީ


ލިބޭ ޢާމްދަނީއާއި، ކުރާ ޚަރަދުތަކާ ގުޅޭގޮތުން ކުރާ ސަރވޭ އަންނަމަހު ފަށާނެކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓީކްސްއިން ކުރިއަށްގެންދާ މި ސަރވޭގެ ބޭނުމަކީ ކޮންމެ ފަސް އަހަރަކުން އާއްމު ދިރިއުޅުމުގެ ޙާލަތަށް އަންނަ ބަދަލު ދެނެގަނެ އެކަމާއި ގުޅޭ މަޢުލޫމާތުތައް އެއްކުރުމެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެފައިވަނީ މިސަރވޭގެ މަސައްކަތް ފަށާނީ އަންނަ މަހު ކަމަށެވެ. އެގޮތުން ސަރވޭ ފެށުމަށް ބޭނުންވާ ތައްޔާރީތަށް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން ސަރވޭގައި ކުރާނެ ސުވާލުތައް ތައްޔާރުކުރުމާއި ސަރވޭގެ މަސައްކަތް ކުރިއަށްދާނެ ތަންތަނާއި އަދި ސަރވޭ ކުރުމަށް މަސައްކަތް ކުރާނި ފަރާތްތައް ހޮވުމާއި ތަމްރީން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ޕްލޭނިންގ މިނިސްޓްރީގެ ފަރާތުންވަނީ ބުނެފައެވެ.
މި ސަރވޭ ކުރިއަށްދާނީ ހޮވާލެވޭ ގެތަކަށްގޮސް ގޭގައި ދިރިއުޅޭ ޢާއްމު ރައްޔިތުންނާއި ސުވާލުކޮށްގެނެވެ.

ސަރވޭގައި ބަލާ ކަންކަމުގެ ތެރޭގައި ކުރާ މަސައްކަތްތާއި ލިބޭ އާމްދަނީއާއި ގޭގޭގައި އެކި ޚިދުމަތްތައް ހޯދުމަށް ކުރާ ޚަރަދުތަކުގެ މިންވަރާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި ވަޒީފައަށްދާ މީހުންގެ ނިސްބަތާއި، ވަޒީފާ ނުލިބި ތިބި މީހުންގެ އަދަދާއި ސަބަބުތައް ބެލުމަށް ހަމަޖެހިފައިވެއެވެ. މިސަރވޭގެ މަޤްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ފަގީރުކަން ހުރި މިންވަރު ހުރި ދެނެގަތުންވެސް ހިމެނެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފައިވަނީ މި ސަރވޭ މާލޭގެ އިތުރުން އަތޮޅޫތަކުގައިވެސް ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން ޖުމްލަކޮށް ހުރިހާ ރަށަކުންވެސް ޑޭޓާ އެއްކުރާނެކަމަށް ވަނީ ބުނެފައެވެ.
މި ސަރވޭގައި ގާތްގަނޑަކަށް 5000އެއްހައި ގެއިން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

މި ސަރވޭގެ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މި ސަރވޭ އަންނަ އަހަރުގެ މަރޗް މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިސަރވޭއިން އެއްކުރާ މަޢުލޫމާތު ބޭނުންކުރާނީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާ ލަނޑުދަނޑިތައް ކަނޑައެޅުމަށެވެ. އެގޮތުން އެންމެ ބޮޑަށް މަސައްކަތް ކުރާނީ އައްމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަ އެކި އެކި މަސައްކަތްތަކުގައެވެ.