ޚަބަރު

ޖަލުތަކުގެ ލައިބްރަރީއަށް ދެހާހަށްވުރެ ގިނަ ފޮތް ހަދިޔާކޮށްފައިވޭ- ހޯމް މިނިސްޓްރީ


ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާ ކުރުމަށް ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ.

ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައި ވަނީ އަމީނިއްޔާ ސްކޫލްގައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ދެހާހަށްވުރެ ގިނަ ފޮތް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ދީނީ މަޢުލޫމާތު ހިމެނޭ ފޮތްތަކާއި ހުނަރު ދަސްކޮށްދޭ ފޮތްތަކާއި ތާރީޚީ މަޢުލޫމާތު ހިމެނޭ ފޮތްތައް ހިމެނޭ ކަމަށެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ އާންމު ފަރާތްތަކުން ޖަލުތަކަށް ހަދިޔާ ކޮށްފައިވާ ފޮތްތައް ބަލައި ފާސް ކުރަމުންދާ ކަމަށާއި އެކަން ނިމުނުހާ އަވަހަކަށް ޖަލުތަކުގެ ލައިބްރަރީތަކަށް ފޮތްތައް ހަވާލު ކުރަމުން ގެންދާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ އެފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުގެ ބޭނުމަކީ ޖަލުގައި ފޮތް ކިޔުމުގެ ޝައުގުވެރިކަން އުފައްދައި، އާންމު މައުލޫމާތާއި ހުނަރާއި ޤާބިލުކަން އިތުރުކޮށްދޭ މަޢުލޫމާތު ހިމެނޭ ފޮތްތައް ކިއުމުގެ ފުރުޞަތު ގައިދީންނަށް ތަނަވަސްކޮށްދިނުން ކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން ކުރީގެ ރައީސުންނާއި ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ޖަލުތަކަށް ފޮތް ހަދިޔާކޮށްފައެވެ.