ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އެ ޤައުމަށް ވަޑައިގެންފިއެވެ. ރައީސް ޞާލިޙުގެ މި ދަތުރުފުޅަކީ އެޤައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ސާލިޙް ސްރީލަންކާއަށް ވަޑައިގަތުމުން ކޮލަމްބޯގެ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ބޮޑުވަޒީރު، ރަނިލްވިކްރަމަ ސިންހައެވެ. ލަންކާގެ ޤައުމީވައިގެ ބަނދަރުން ރައީސް ޞާލިޙްއަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެޤައުމުގެ އަސްކަރިއްޔާއިންވަނީ ގާޑްއޮފް އޮނަރއެއްވެސް އަރުވާފައެވެ.
10000 ވުރެ ގިނަ ދިވެހިން ދިރިއުޅޭ ސްރީލަންކާއަށް ރައީސް ޞާލިޙް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ހަވީރު އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ސޯސަންވިލާގައެވެ.
ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން ސްރީލަންކާއަށް މިކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ޚާއްސަ ބައިތައް ފެށިގެންދާނީ މާދަމާއެވެ. އެގޮތުން މާދަމާ ފާހަގަކުރާ ލަންކާގެ 71 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތު އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާއިރު، ރާއްޖެއާއި ސްރީލަންކާގެ ޒަމާންވީ ގާތްގުޅުން ފާހަގަކޮށްލަން ޖެހެެއެވެ. އެގޮތުން ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުވީ ފަހުން މިވީ 54 އަހަރުގެތެރޭގައި ދެ ޤައުމުން ބާއްވާ މިފަދަ މުހިއްމު ދުވަސްތަކުގެ ރަސްމިއްޔާތުތައް ފާހަގަކުރުމަށް ދެޤައުމުގެވެސް ރައީސުންނާއި، އިސްވެރިން އެއްޤައުމު އަނެއް ޤައުމަށް ޒިޔާރަތްކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކެ ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކޮށްލެވެއެވެ.
ތިން ދުވަހުގެ މިދަތުރުފުޅުގައި މިމަހުގެ ފަސްވަނަ ދުވަހު ރަސްމީ އިތުރު ހަރަކާތްތައް އޮންނާނެއެވެ. އެގޮތުން ރައީސް ސާލިޙަށް ސްރީލަންކާއިން ރަސްމީކޮށް މަރުހަބާ ދެންނެވުމާއި، ދެޤައުމުގެ ރައީސުން ބައްދަލުކުރެއްވުންވެސް އޮންނާނެއެވެ. އަދި ހަމައެހެންމެ ދެޤައުމުގެ މެދުގައި ރަސްމީ ވާހަކަތައްވެސް ކުރިއަށްގެންދާނެއެވެ.
މީގެއިތުރުންވެސް ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި އެމަނިކުފާނާއި ދިވެހި ވަފުދުން، ލަންކާގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވުމުގެ އިތުރުން އެޤައުމުގެ ބައެއް ސިޔާސީ ފަރާތްތަކާވެސް ރައީސް ޞާލިޙް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގައެވެ.