ޚަބަރު

ފްލެޓް ބެހިގޮތް އައު ސަރުކާރުން އަލުން ބަލާނަން - މާރިޔާ


ފްލެޓްތައް ބަހާފައިވަނީ ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭގޮތަށް ކަމަށާއި، އިންސާފާއި ހަމައިން ބޭރުން ފްލެޓް ބަހާފައިހުރިނަމަ އައު ސަރުކާރުން އެ މައްސަލަތައް ބަލާނެކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ މި ސަރުކާރުން ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލުއުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، މިކަމާމެދު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ޝަކުވާތައް އެބަހުރިކަމަށެވެ. އެގޮތުން ސަރުކާރުން މީގެކުރިން ސިއްރު ލިސްޓަކަށް ފްލެޓް ބަހާފައިވާކަމަށް ތުހުމަތުކުރައްވައި، މާރިޔާ ވިދާޅުވީ ފްލެޓް ބަހާފައިވަނީ އިންސާފުވެރިކޮށްކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދިފައިވާކަމަށެވެ.

ޚާއްޞަގޮތެއްގައި ސަރުކާރު ބަދަލުވާން މިހާ ކައިރިވެފައިވަނިކޮށް ފްލެޓް ލިސްޓް ޢާންމުކުރެއްވީ ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭގޮތަށްކަމަށާއި، ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އިންސާފުން އެއްކިބާވެ، ވަކި ބަޔަކަށް ފައިދާ ހޯދައިދީފައިވާނަމަ އާ ސަރުކާރުން އެ މައްސަލަތައް ބެލުމަށް އިންތިޚާބީ ރައީސް ނިންމަވާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންނަށްވެސް އިނގޭ ފްލެޓްތައް އެހުރީ ނިމިފައެއް ނޫންކަން، ނުނިމި ހުރި ފްލެޓްތަކެއް ރައްޔިތުންނަށް މިހާބޮޑު ބޭނުމެއްޖެހިފަހުއްޓޭ ކިޔާފަ ކުށްލިއަކަށް، އާ ސަރުކާރު ހުވާކުރައްވަން 10 ވަރަކަށް ދުވަހައްވެފަ އޮއްވާ ކޮންމެހެން މި ބަހާލައްވާފަ އަދި މިއާ ނުކުޅެއްޗޭ ވިދާޅުވެ މި ގަންނަވަން އުޅުއްވާ ސަކަރާތަކީ އެއްވެސް ބަޔަކަށް އޮޅިފަ އޮންނާނެ އެއްޗެއްނޫން. އެހެންމަ އުސޫލުން ބޭރުން، އުސޫލާ ހަމައާއި އިންސާފުވެރިނޫންގޮތަށް ފްލެޓްތައް ބެހިފަ އޮތްކަމަށްވަންޏާ އަޅުގަނޑުމެން ސަރުކާރާ ހަވާލުވެފަ އެކަން ބަލާނެކަމަށް އަޅުގަނޑުމެންގެ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވެފައިވަނީ" - އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ، ފްލެޓް ލިބޭމީހުންގެ ލިސްޓް އެކުލަވާލާފައިވަނީ ދެފުށްފެންނަގޮތަށް އިންސާފުވެރިކަމާއެކުކަމަށެވެ. އަދި މި ސަރުކާރުގެ ނިންމުން އައު ސަރުކާރުން ދަމަހައްޓާނެކަމަށް އުންމީދުކުރައްވާކަމަށެވެ.