ޚަބަރު

ވެލާނާ އެއަރޕޯޓްގެ އާ ރަންވޭގެ 90 އިންސައްތަ ނިމިއްޖެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު ރަންވޭގެ މަސައްކަތުގެ ނުވަދިހަ އިންސައްތައަށްވުރެ ބޮޑުބައި ނިމިފައިވާކަމަށް އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، އައު ރަންވޭއާ މިހާރު ބޭނުންކުރަމުން އަންނަ ރަންވޭ ގުޅާލުމަށް ހަދާ 8 ކަނެކްޓިންގވޭ ނުވަތަ ޓެކްސީވޭގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. މީގެ އިތުރުން ރަންވޭގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ އެމަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން މިއަދު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ފެންނަ ފޮޓޯއެއް ޓުވިޓާގައި އާންމުކޮށްފައެވެ. މި ފޮޓޯއިން ފެންނަގޮތުން އައު ރަންވޭގެ ބޭނުންކުރުމުގެ ކުރިން ކުރަންޖެހޭކަމަށް އެކުންފުނިން ކުރިން ބުނި ހުރިހާ މަސައްކަތްތަކެއްހެން މިހާރުވަނީ ނިމިފައެވެ.

ދިވެހި ޤައުމީ ވައިގެ ބަނދަރު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 1 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ބަޔަކީ އާ ރަންވޭގެ މަސައްކަތެވެ. ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ އޭ-380 މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ޖެއްސޭ ގޮތަށް ފަރުމާކުރާ މި ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ.

އައު ރަންވޭގެ ޢަމަލީ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލައި، އަންނަ މަހު ޓެސްޓް ފްލައިޓް ޖައްސާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ ބުނެފައެވެ.