ދިވެހިރާއްޖެއަކީ ދުނިޔޭގެ ޗާޓުގައި ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް މިއީ މުއްސަނދި އަދި ދިގު ތާރީޚެއް އޮތް ޤައުމެކެވެ. ރާއްޖޭގެ ކޮންމެ އަތޮޅަކާއި ކޮންމެ ރަށަކުން ފެންނަން ހުރި އާސާރީ ބިނާތަކާއި ކާބަފައިންގެ މަސައްކަތްތެރިކަމުން ހެކިދެނީ މި ޤައުމުގެ ޤާދީމީ ތާރީޚުގެ މުހިންމުކަމެވެ. ނަމަވެސް، ހިތާމައަކީ މިހާތަނަށް އައިއިރު މި މުހިންމު ދާއިރާއަށް އެދެވޭ ސަމާލުކަމެއް ދެވި އިލްމީ އުސޫލުން މި ދާއިރާ ތަރައްޤީކުރެވިފައި ނެތުމެވެ.
މީގެ ކުރިން ރާއްޖޭގެ ތަރިކައިގެ ދާއިރާ އޮތީ ވަރަށް ބޮޑަށް އިހުމާލުކުރެވިފައެވެ. ތަރިކަ ރައްކާތެރިކުރުމާއި އެ ދާއިރާއިން ދިރާސާތައްކޮށް ކުރިއެރުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން މިވަނީ މިކަމަށް އިންގިލާބީ ބަދަލެއް ގެންނަވަން ފަށްޓަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ތަރިކައާއި ސަޤާފަތް ދިރުވައި އާލާކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ދިވެހި ތަރިކައިގެ "ސިގްނޭޗަރ ރިސާރޗް" ސްކޮލަރޝިޕް ތަޢާރަފްކުރުމެވެ.
މި ސްކޮލަރޝިޕަކީ ދިވެހި ތަރިކައަށް ޚާއްސަ ސިފަތައް ހޯދައި ދެނެގަތުމަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ފުރުޞަތެކެވެ. މިއީ ހަމައެކަނި ކިޔެވުމުގެ ފުރުޞަތެއް ނޫނެވެ. މިއީ ދިވެހި ތަރިކައިގެ ޢިލްމު އުފެއްދުމާއެކު ދާއިރާއަށް ބޭނުންވާ ޤާބިލު ތަރިކަވެރިން ބިނާކުރުމަށް ހިންގާ ވަރަށް މުހިންމު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ޝިމްލާ ވިދާޅުވީ، ރާއްޖެއަކީ ޒަމާންވީ ދިގު ތާރީޚެއް އޮތް ޤައުމަކަށްވާއިރު ތަރިކައަކީ އަހަރުމެންނަކީ ކޮންބައެއްކަން އަންގައިދޭ އެންމެ މުހިންމު ރަމްޒު ކަމަށެވެ. ޝިމްލާ ވިދާޅުވީ "ސިގްނޭޗަރ ރިސާރޗް" ސްކޮލަރޝިޕަކީ އިލްމީ ގޮތުންނާއި ދިރާސީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތަރިކައިގެ ދާއިރާ އުފެއްދުމަށް ކުރެވޭ މަސައްކަތެކެވެ.
"މި ޕްރޮގްރާމްގެ ތެރެއިން އުފެދޭ ތަރިކަވެރިންނަކީ މި ދާއިރާ ތަރައްޤީކުރުމަށް ނުކުންނަ ދިރާސާވެރިން. އެއިން ކޮންމެ މީހަކީ މި ދާއިރާއަށް އިލްމީ ގޮތުން ނެރެދޭނެ ލިޔެކިޔުންތަކެއް" ޝިމްލާ ވިދާޅުވިއެވެ.
މިކަމުގެ އިލްމީ ބޭނުންތެރިކަމާ ގުޅޭގޮތުން މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން އައިމިނަތު ޝަފިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރިކައާ ބެހޭ ގިނަ ލިޔުންތަކަކީ މިހާތަނަށް ދިރާސީ ހެކިތަކުގެ މައްޗަށް ބިނާވެފައި ހުރި ލިޔުންތަކެއް ނޫން ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އެ ޤައުމުތަކުގެ ތަރިކައާ ގުޅޭ ގިނަ ލިޔެކިޔުންތަކެއް ހުރި ނަމަވެސް، ރާއްޖެއާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކުން ލިޔެފައިވާ ގިނަ ފޮތްތަކުގައި ރާއްޖެ ސިފަކޮށްފައިވަނީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައެވެ.
ޝަފިއްޔާ ވިދާޅުވީ ރާއްޖޭގެ ސަޤާފަތާއި ތަރިކައާއި، އާދަކާދަތަކާ ގުޅޭ ދިރާސާތަކެއް ދުނިޔޭގެ ފެންވަރުގައި މަދުކަމަށެވެ. އެހެންކަމުން މި ސްކޮލަރޝިޕްގެ މައިގަނޑު ބޭނުމަކީ ރާއްޖެއާ ގުޅޭގޮތުން އިލްމީ ދިރާސާތައް ކުރާނެ އަދި އެ މަޢުލޫމާތުތައް ދުނިޔެއަށް ހާމަކޮށްދޭނެ އިލްމުވެރިން އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.
" އެހެންވީމަ މި ކޯސް ނިމޭއިރު މައިގަނޑު ގޮތެއްގައި ކޯސް ފަރުމާކޮށްފައި މި އޮންނަނީވެސް ރިސާރޗް ހަދައި އޭގެ ޕަބްލިކޭޝަންތަކާއެކު. އެހެންވީމަ އެކި ޖަރނަލްތަކުގައި އިނގިރޭސި ބަހުން ލިޔާނެ ލިޔުންތެރިން ، ރާއްޖެ މަޝްހޫރު ވާންވީ ހަމައެކަނި ޓޫރިޒަމުން ނޫނޭ. ތަރިކައަކީވެސް އެހެން މީހުންނަށް އެނގެންޖެހޭ މައުލޫމާތުތަކެއް. އަޅުގަނޑުމެންނަށް ތާރީޚުގެ ފޮތްތަކުން ރާއްޖެއާއި ބެހޭ ގޮތުން އެނގޭއިރު އެނގެނީ ވަރަށް ކުޑަ މިންވަރަކަށް. އެކަމަށް ކުރެވޭ މަސައްކަތް މީ" އައިމިނަތު ޝަފިއްޔާ ވިދާޅުވިއެވެ.
"ސިގްނޭޗަރ ރިސާރޗް" ސްކޮލަރޝިޕާއެކު، ދިވެހި ތަރިކައިގެ ދާއިރާއަށް އައު ދިރުމެއް އަންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއީ ދިވެހި އަމިއްލަވަންތަކަމާއި ކާބަފައިންގެ ތާރީޚު އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅޭ ވަރަށް ވަރުގަދަ ބިންގަލެކެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަކީ ހަމައެކަނި ރީތި ގޮނޑުދޮށްތަކެއް އޮތް ތަނެއްގެ އިތުރުން ތާރީޚަކާއި މުއްސަނދި ސަޤާފަތެއްގެ ވެރި ބައެއްކަން މުޅި ދުނިޔެއައް އިލްމީ ހެކިތަކާއެކު ސާބިތުވެގެންދާނެއެވެ.