330 ދިރާސާ ކަރުދާހާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ތެވެލި" ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިއެވެ. 2017ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު މިކޮންފަރެންސް ބާއްވަމުން އަންނައިރު މިއީ ތެވެލި ބާއްވާ 9 ވަނަ އަހަރެވެ.
"ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2026" ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ. އަދި މި ކޮންފަރެންސްގެ އެކިއެކި ސެޝަންތަކުގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި، ޤައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތައް ހުށައެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 17 އިން 19 ވަނަ ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްއަށް، ދިރާސާ ކަރުދާސް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 330 ކަރުދާސް ވަނީ ލިބިފައެވެ. މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ ޢިލްމީ ބައްދަލުވުމަކަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކަރުދާސް ހުށަހެޅުނު ފަހަރެވެ.
މި އަހަރުގެ ކޮންފަރެންސަށް ހުށަހެޅި ކަރުދާސްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ 25 ޤައުމަކުން ދިރާސާތައް ހިމެނެއެވެ. މި އަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމީ ބަދަލުތައް، އައު އީޖާދުތަކާއި ޓެކްނޮލޮޖީ، ސައިންސާއި ސިއްޙީ ދާއިރާ، ދުނިޔޭގެ މަސްލަހަތާއި ސުލްޙަ، ތަޢުލީމީ ދާއިރާ، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން، އިޤްތިޞާދާއި މާކެޓް، އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ މުހިއްމު ދާއިރާތައް ހިމެނެއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ތެވެލި ކޮންފަރެންސްއަކީ ޢިލްމާއި، ދިރާސާތަކާއި، އުފެއްދުންތެރިކަން ކުރިއެރުވުމަށް ދަރިވަރުންނަށް ލިބޭނެ ފަހި ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވި ނަމަވެސް، މިތަނުގައި އަޅުގަނޑުމެން އުފައްދާ އިލްމާއި، ދިރާސާތަކާއި، އުފެއްދުންތަކުގެ އަސަރު އަޅުގަނޑުމެންގެ ފަސްގަނޑަށްވުރެ މާ ދުރަށް ފޯރައިގެން ގޮސް އޭގެ މަންފަ އެތައްގޮތަކުން އެތައް ބަޔަކަށް ކުރުވާނެ ކަމަށް،" ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
ތެވެލި ކޮންފަރެންސަކީ 2017 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ޤައުމީ ޔުނިވަރސިޓީއިން ބާއްވަމުން އަންނަ މަހާސިންތައެކެވެ. އެެގޮތުން، މިއަހަރުގެ ގެ ޝިއާރަކީ "ޓްރާންސްޕޯމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ. މި ކޮންފަރެންސްގެ ތެރެއިން އިއްޔެ ވަނީ އެމް.އެން.ޔޫ ބެޗްލާސް ޑިގްރީ ދަރިވަރުންނަސް ޚާއްސަ "އަންްޑާގްރެޖުއާޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯސިއަމް" އެއްވެސް ބާއްވާފައެވެ. އަދި އޮގަސްޓު 20 ވަނަ ދުވަހު "ޕޯސްޓް-ކޮންފަރެންސް ވޯކްޝޮޕް" ތައް ވެސް ކުރިއަށްދާނެކަމަށް ޤައުމީ އުނިވަރސިޓީއިން މައުލޫމާތުދެއްވައެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދިރާސަތަކުގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށް މަގުފަހިކޮށްދިނުމާއި، ރާއްޖޭގެ މަތީ ތަޢުލީމީ ނިޒާމަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް ހެދުމެވެ. މީގެ އިތުރުން، އެމް.އެން.ޔޫ އަކީ، އައު ޢިލްމު އުފައްދާ، ކުރިއަރުވާ ތަނަކަށް ހެދުމާއި، ޤައުމީ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކަކީ ޢިލްމީ ދިރާސާތަކަށް ބިނާކޮށް ނިންމާ ނިންމުންތަކަކަށް ހެދުމުގައި އެހީތެރިވުން ހިމެނެއެވެ.