ޚަބަރު

އެހެން މަސްތަކައްވުރެ ރަމަޟާންމަހު ވައްކަމާ ފޭރުމުގެ މައްސަލަތައް އިތުރު





 


އަހަރުގެ އެހެންމަސްތަކާ އަޅާބަލާއިރު ރަމަޟާންމަހު ވައްކަމާ ފޭރުމުގެ މައްސަލަތައް އިތުރުވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި.


 
މިފަދަ މައްސަލަތައް ވިހާވެސް މަދުކޮށް، އާއްމުންގެ މުދަލަށް ރައްކާތެރިވެ، ކުށްތައް ކުރާ ފަރާތްތަކާ މެދު އާންމުން އިތުރަށް


ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.


 
ރަމަޟާން މަހު ހުށަހެޅޭ އެހެނިހެން މައްސަލަތަކާ އަޅާބަލާއިރު ވައްކަމާ ފޭރުމުގެ މައްސަލަ ފަންސާސް އިންސައްތަ އިތުރުވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ހެޑް އޮފް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމެންޓްގެ ސްޕްރިޑެންޓް އޮފް ޕޮލިސް އާސިމް އަބުދުﷲ ވިދާޅުވިއެވެ.


 
ހާއްސަކޮށް ރަމަޟާން މަހު ވައްކަން ކުރުން އިތުރުވާ ގަޑިތަތަކެއްގެ ގޮތުގައި ފުލުހުން ފަހާގަކުރައްވާފައިވަނީ މީހުން ފަތިސް ނަމާދަށް ދާވަގުތެވެ. އެހެން ކަމުން ފުލުހުން ވަނީ ފަތިސްނަމާދަށް ދާގަޑީގައާއި އަންނަ ގަޑީގައި މިކަމަށް ސަމާލުވެ، ދޮރުތައް ރަނގަޅަށް ތަޅުލުމަށް އާމުންނަށް އިލްތިމާސްކުރައްވާފައެވެ.


 
ވައްކަން ކުރާ ފަރާތްތަކުން އާންމުން އަތުން ފައިސާހޯދުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކޮށް އެކި ގޮތްގޮތަށް ޑިމާންޑް ކުރަމުން ދާއިރު އެފަދަ ފަރާތްތަކާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ.


 
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު މިއަހަރުގެ ޖުލައި މަހުގެ ހަޔަކާ ހަމައަށް ވައްކަމާ ފޭރުމުގެ 3282 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ޖުލައި އެކަކުން ފެށިގެން ހުށަހެޅުނު ވައްކަމާ ފޭރުމުގެ 55 މައްސަލަވެސް ހިމެނެއެވެ.


 
ވައްކަމާއި ފޭރުން ފާއިތުވި ތިންއަހަރު އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ފާހަގަ ކުރެވެއެވެ.


 
ފާއިތުވެދިޔަ ތިން އަހަރުގެ ވައްކަމާއި ފޭރުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު،  2013ވަނައަހަރު 7412 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.


 
2012ވަނައަހަރު 7543 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ.


 
2011ވަނަ އަހަރު ރެކޯޑް ކުރެވިފައިވަނީ، 5452 މައްސަލައެވެ.


ވައްކަމާ ފޭރުމުގެ މައްސަލަތައް މާލޭގައި އިތުރުވަމުން އަންނަ އިރު، މިފަދަ ތަޖުރިބާތައް ގިނަ ބަޔަކު ވަނީ ކޮށްފައެވެ.


 
ވައްކަމާ ފޭރުމުގެހާދިސާތައް މަދުކުރުމުގެ ގޮތުން ފުލުހުން ގެންދަވަނީ ކުށްމަދު މާހައުލެއް އުފެއްދުމަށް އާންމުން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވަމުންނެވެ. އެގޮތުން ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެން ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.